ޑިސެމްބަރ 3, 2024

ފަލަސްތީނަށް މިއަދު އެހީތެރި ނުވެއްޖެ ނަމަ ދެން ދައްކާނެ ވާހަކައެއް ނޯންނާނެ: ރައީސް

ފަލަސްތީނުގެ މައްސަލައަކީ މުސްލިމުން ކުރިމަތީގައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށާއި އެކަމަށް މިއަދު އެހީތެރިކަން ފޯރުކޮށްނުދީފިނަމަ އިތުރަށް ދެން ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ”ފަލަސްތީނާއެކު ދިވެހީން“ ނަމުގައި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޓެލެތޯން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ދިވެހި ރައްޔިތުންނަކީ ފެށުނީއްސުރެ ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބި ބައެއް ކަމަށާއި އެކި ގޮތްގޮތުން އެ ޤައުމުގެ ރައްޔިތުންނަށް ދިވެހިން އެހީވަމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވީ މީގެ ކުރިން ފަލަސްތީނުގެ ދިފާއުގައި ވާހަކަނުދައްކާ އެތައް ބަޔަކު މިއަދު އެ ޤައުމުގެ ދިފާއުގައި ފާޅުގައި މަސައްކަތް ކުރަމުންދާއިރު ރާއްޖޭން ކުރަމުން އަންނަ މަސައްކަތްތައް ވެސް އިތުރު ހަރުފަތަކަށް ގެންދަން ޖެހޭކަމަށެވެ.

އެހެންކަމުން ހުރިހާ ވިސްނުމެއް އަދި ފިކުރެއްގެ މީހުންވެސް ޓެލެތޯންގައި ބައިވެރިވެ ފަލަސްތީނަށް އެހީވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސް ވިދާޅުވީ ފަލަސްތީނުގައި ހިނގަމުންދަނީ ދެ ޤައުމުގެ ދެމެދުގައި ކުރިއަށްދާ މައްސަލައެއް ނޫން ކަމަށާއި މިއީ މުޅި އިސްލާމީ އުއްމަތަށް ދިމާވެފައިވާ ކަމެއް ކަމަށެވެ. އަދި މުސްލިމުންނަށް ދިމާވާ މިފަދަ ކަންކަމުގައި މުޅި އުއްމަތް ޝާމިލްވާންޖެހޭކަންވެސް އެމަނިކުފާނު ވިދާޅުވިއެވެ.

”މިއީ ފަލަސްތީނާއި އިސްރާއީލާ ދެމެދުގެ މައްސަލައެއްކަމުގައި ބަލައިގެން އަޅުގަނޑުމެންނަށް ލޯމަރާލައިގެން ތިބެގެން ނުވާނެ. މިއީ އަޅުގަނޑުމެން ކޮންމެ މުސްލިމެއްގެވެސް ޒިންމާއެއް، މަސްއޫލިއްޔަތެއްކަމުގައި ބަލަން ޖެހޭ. ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި އަޅުގަނޑުމެންނަށް ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްދިނުން. ދީލަތިކަމުގެ އިންތިހާއަށް ދާންޖެހޭ ކަމެއް މިއީ. އަޅުގަނޑުމެންނަށް ﷲ ނިޢުމަތް ދެއްވަނީ އެ ނިޢުމަތް ޒިންމާދާރުކަމާއެކު ބޭނުންކުރުމަށްޓަކައި،“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.