ޖުލައި 6, 2024

ޒަމާނީ ފެންވަރުގެ މާރުކޭޓެއް އަޅަން ކަންސިލަށް ހުރިހާމަގެއް ވާނީ ފަހިކޮށްދެއްވާފަ:ރައީސް

ލޯކަލް މާރުކޭޓު ހުރި ސަރަހައްދުގައި ޒަމާނީ، އަދި ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް ހުންނަ ފެންވަރުގެ މާރުކޭޓެއް އެޅުމަށް މާލެ ސިޓީ ކައުންސިލަށް ހުރިހާ މަގެއް ސަރުކާރުން ފަހިކޮށްދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ، އެކި ކަންކަމުގައި ޢާއްމުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ސުވާލުކުރެވޭ ގޮތަށް ”ރައީސްގެ ޖަވާބު“ ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމްގެ ތެރެއިންނެވެ.

މާލޭގެ މާރުކޭޓުގެ ހާލަތާއި ބިދޭސީން އެތަންތަނުގައި ކުރަމުން އަންނަ ވިޔަފާރިއާ ގުޅޭ ކަންބޮޑުވުން ރައީސްއާ ހިއްސާ ކުރެއްވީ ހއ. ބާރަށު، މަދޮށިމާގޭ ޢަބްދުﷲ އިބްރާހީމް މަނިކެވެ. އޭނާ ވަނީ މިހާރު ހުރި މާރުކޭޓުތަކަކީ ކާބޯތަކެތި ވިއްކަން އެކަށީގެންވާ ތަންތަން ނޫންކަން ފާހަގަކޮށްފައެވެ. އަދި މާރުކޭޓުގެ ގޮޅިތަކުގައި ބިދޭސީން ވިޔަފާރިކުރާތީ އެކަމާ ގުޅޭގޮތުން ވެސް އަބްދުﷲ އިބްރާހީމް ރައީސާ ސުވާލުކުރިއެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އައު މާރުކޭޓާއެކު އެ ހުރިހާ ކަމެއް ހައްލުވެގެންދާނެ ކަމަށެވެ. އެގޮތުން، ލޯކަލް މާރުކޭޓު ހުރި ސަރަހައްދުގައި ޒަމާނީ، އަދި ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް ހުންނަ ފެންވަރުގެ މާރުކޭޓެއް އެޅުމަށް މާލެ ސިޓީ ކައުންސިލަށް ހުރިހާ މަގެއް ސަރުކާރުން މިހާރު ފަހިކޮށްދެއްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އައު މާރުކޭޓުގައި މަސްމާރުކޭޓާއި ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި ވިއްކާ ހުރިހާ ބާވަތެއް ވިއްކާނެ ޖާގަ ހުންނާނެ ކަމަށެވެ. އަދި ގޮޅިތަކުގެ ޖާގަ ވެސް މިހާރުގެ މާރުކޭޓުތަކުގައި ހުންނަވަރަށްވުރެ ތަނަވަސްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.