ރޯދައިގެ ހިކުމަތްތަކުގެ ތެރޭގައި، ނަފުސު އެދޭ އެދުންތަކުގެ މައްޗަށް ގަދަވެގަތުމުގެ ބާރު ލިބުން ހިމެނޭ ކަމަށާއި އެގޮތުން ރޯދަ ހިފުމަކީ، އިންސާނާގެ ޝަހުވާނީ އެދުންތަކާ ދުރުހެލިވުމާއި އޭނާގެ ނަފުސު އެދޭ ނޭދެވޭ ކަންކަމުން ދުރުހެލިވެ، ކެތްތެރިވުމަށް މަގުފަހިކޮށްދޭ އަޅުކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
”ރޯދައިގެ ހިކުމަތް“ މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، މާތް ﷲ އެއްވެސް އަޅުކަމެއް، ބޮޑުވެގެންވާ ހިކުމަތަކަށްޓަކައި މެނުވީ، ޝަރުއުކުރައްވާފައި ނުވާކަމަށާއި އެކަލާނގެ ރޯދަ ފަރުޟުކުރެއްވި ހިކުމަތް ސަރީހަކޮށް ބަޔާން ކުރައްވާފައިވާ ކަމަށެވެ.
އެގޮތުން ރޯދަ ފަރުޟު ކުރައްވާފައިވަނީ ތަގުވާވެރިކަން ހާސިލު ކުރުމަށްޓަކައި ކަމަށާއި ރޯދައަކީ ﷲގެ އަމުރުފުޅުތައް ގާއިމުކޮށް، އެކަލާނގެއަށް ކިޔަމަންތެރިވުމާއި އެކަލާނގެ ނަހީކުރެއްވި ކަންތައްތަކާ ދުރުހެލިވުމަށް އެންމެ ބޮޑަށް އެހީވެދޭ އެއް އަޅުކަންތައް ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ، ރޯދައިގެ ހިކުމަތްތަކުގެ ތެރޭގައި އެތައް އެތައް ކަމެއް އިލްމުވެރިން ބަޔާންކުރައްވާފައިވާ ކަމަށާއި އެ ހުރިހާ ކަންކަމަކީވެސް ތަގުވާވެރިކަން ހާސިލުކޮށްދޭ ކަންކަން ކަމަށެވެ. އެގޮތުން ރޯދައިގެ ހިކުމަތްތަކުގެ ތެރޭގައި ﷲ ދެއްވި ނިއުމަތްތަކަށް ޝުކުރުވެރިވާން ދަސްކޮށްދިނުން ހިމެނޭ ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ، ރޯދައަށް ހުންނައިރު، ކެއިންބުއިމާއި އެންމެހައި ޝަހުވާނީ އެދުންތަކުން، އޭނާގެ ނަފުސު، ހިފަހައްޓަ ކަމަށާއި ﷲ އޭނާއަށް ހުއްދަކުރައްވާފައިވާ ބައެއް ނިއުމަތްތަކާ ކުޑަވަގުތުކޮޅަކަށް ވިޔަސް ދުރުހެލިވުމުން، އެ ނިއުމަތްތަކުގެ އަގު ވަޒަންކުރަން ދަސްވާ ކަމަށެވެ
ރޯދައިގެ ހިކުމަތްތަކުގެ ތެރޭގައި، ރޯދަވެރިޔާ ހަރާމް ކަންތައްތަކާ ދުރުހެލިކުރުވުން ހިމެނޭކަން ފާހަގަކޮށް ހުތުބާގައި ބުނީ، ﷲގެ ރުހިވޮޑިގަތުން ހޯދުމަށާއި އެކަލާނގެ އަޒާބުން މިންޖުވުމަށްޓަކައި، ހަލާލު ކާބޯތަކެއްޗާއި އޭނާއަށް ހަލާލު ކުރައްވާފައިވާ، އަނބިފިރިކަމުގެ ގުޅުމާ އެކަހެރިވެ ހުންނަ ހުރުމުން ﷲ ހަރާމްކުރައްވާފައިވާ ކަންކަމުން ދުރުހެލިވެ އުޅުމަށް، އޭނާއަށް ވަރުގަދަ ތަމްރީނެއް ލިބޭ ކަމަށެވެ.
ހުތުބާގައި އިތުރަށް ބުނީ، ރޯދައިގެ ހިކުމަތްތަކުގެ ތެރޭގައި، ރޯދަވެރިޔާގެ ކިބައިގާ ރަޙުމާއި ކުލުނު އުފެދުން ހިމެނެ ކަމަށާއި ރޯދައަށް ހުންނަ ހިނދު އިހުސާސްވާ ކަރުހިއްކުމާއި ބަނޑުހައިހޫނުކަމުގެ ސަބަބުން، މުޅި އަހަރު ހައިހޫނުކަމުގައި އުޅޭ ނިކަމެތި ފަގީރުންނާއި މިސްކީނުންގެ އިހުސާސްތައް ދެނެގަނެވޭނެ ކަމަށެވެ.
އަދި އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން އޭނާގެ ނަފުސު އެދި ގޮވާނެ ކަމަށާއި ހަމަ މިފަދައިން ދޮގުހެދުމާއި ޒުވާބުކުރުމާއި ހަޑިހުތުރު ބަސްތަކުން މީހުންނާ މުހާތަބުކުރުމާ އޭނާ އެއްކިބާކުރުވާނެ ކަމަށްވެސް ބުންޏެވެ.

ގުޅުންހުރި
ކުޅުދުއްފުށީ އެއާޕޯޓް ހެދުން ނަޝީދަށް ގޯސް، ތިނަދޫ އާއި ފައިނުގައި އެއާޕޯޓެއް
މިދިޔަ ސަރުކާރުގައި 2023 ގައި ހަވާލުކުރި މުއްޔާއި ނާލާފުށި ގުޅާލާ ކޯޒްވޭގެ
މި އަހަރު 800 އެއްހާ މަޝްރޫއު ކޮންޓްރެކްޓްކުރާނެ: ރައީސް
ރައީސް މުލި އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވައިފި
ތިން ރީހެބިލިޓޭޝަން ސެންޓަރެއް ރިމާންޑު ފެސިލިޓީގެ ގޮތުގައި ކަނޑައަޅައިފި
ފޭސް ދޭއްގައި މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފި