އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށްދާ މީހުންނަށް ވިއްކާ 1,000 ޑޮލަރު ހަ ގައުމަކަށް ލިމިޓްކޮށްފި

އެމްއެމްއޭ
އެމްއެމްއޭ

ދިވެހިން އާންމުކޮށް ބޭސްފަރުވާއަށްދާ ހަ ގައުމަކަށް އެކަނި ބޭސްފަރުވާއަށްދޭ 1000 ޑޮލަރު ދޭގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހަމަޖައްސައިފި އެވެ.

އެމްއެމްއޭ އިން މިއަދު ބުނީ, އަމިއްލަ ހަރަރުގައި ބޭސްފަރުވާއަށް ރާއްޖެއަށް ބޭރަށްދާ ދިވެހީންނަށްދޭ 1000 ޑޮލަރު ދެން ލިބޭނީ އިންޑިއާ، ސްރީލަންކާ، ތައިލެންޑް، މެލޭޝިއާ، ސިންގަޕޫރު، އަދި  ޔޫއޭއީއަށްދާނަމަ އެކަނި ކަމަށެވެ.

އެގޮތަށް ހަމަޖެއްސީ ބޭސްފަރުވާގެ ބޭނުންތަކަށް ފޯރުކޮށްދޭ ބޭރު ފައިސާއަކީ ސީދާ އެ ބޭނުމަށް ހަރަދުކުރެވޭ އަދަދުތަކެއްކަން ޔަގީންކުރުމަށްޓަކައި ކަމަށްވެސް އެމްއެމްއޭ އިން ބުންޏެވެ.

އަމިއްލަ ހަރަދުގައި ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށްދާ ދިވެހީންނަށް 1,000 ޑޮލަރު ވިއްކަން ފެށީ އޮގަސްޓް 2025 ގައެވެ.

އެމްއެމްއޭ އިން ބުނީ, މި އަހަރުގެ ސެޕްޓެންބަރުގެ ނިޔަލަށް ބޭސްފަރުވާގެ ބޭނުންތަކަށް 41.1 މިލިއަން އެމެރިކާ ޑޮލަރު ވިއްކާފައިވާއިރު، މިއީ 2025 ވަނަ އަހަރު މި މުއްދަތާ އަދަދާ ބަލާއިރު ތިން ގުނަ އިތުރު އަދަދެއް ކަމަށެވެ. އަދި އެ އަދަދުގެ ބޮޑު ބައެއް ހިއްސާކުރަނީ އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ދިވެހީންނަށް ދީފައިވާ ބޭރުފައިސާއަށް ކަމަށްވެސް އެ އޮތޯރިޓީން ބުންޏެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދިޔަ ދިވެހީންނަށް 29.2 މިލިއަން އެމެރިކާ ޑޮލަރު ވަނީ ވިއްކައިފަ އެވެ.

އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށްދާ ދިވެހިންނަށް ކުރިއެކޭ އެއްގޮތަށް ޑޮލަރު ދޫކުރަމުންދާނީ ބޭންކުތައް މެދުވެރިކޮށެވެ. އާސަންދަ މެދުވެރިކޮށް ބޭސްފަރުވާއަށްދާ ފަރާތްތަކަށްދޭ 2000 ޑޮލަރު ކުރިއެކޭ އެއްގޮތަށް ލިބޭނެ އެވެ.