ޖުލައި 4, 2024

ދުނިޔޭގެ ހަލަބޮލި ދިރިއުޅުން

ދުނިޔޭގެ ހަލަބޮލި ދިރިއުޅުމަކީ އެއްވެސް މުސްލިމަކު އޭނާގެ އާޚިރަތް މަތިން ހަނދުމަނެތި ކުރުވާ އެއްޗެއް ކަމުގައި ހަދައިގެން ނުވާނެއެވެ. އިލާހީ އަމުރުފުޅުތަކަށް ވަގުތު ނުދެވޭ އެއްވެސް މަސައްކަތެއްގައި މަޝްޢޫލުވާން ހެޔޮ ނުވާނެއެވެ. އެހެނީ އިންސާނުން ޚަލްޤުކުރައްވާފައިވަނީ ޚާލިޤުވަންތަ އިލާހަށް އަޅުކަން ކުރުމަށެވެ. އެ އިލާހު ވަޙީކުރެއްވިއެވެ. ﴿وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ﴾ ‎(الذاريات: ٥٦)‏ މާނައީ: [ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ.]

ލޮބުވެތި ކިޔުންތެރީންނޭވެ! ޤިޔާމަތް މަޙުޝަރުގައި އެ ކަމަކާ މެދު ސުވާލުވެވޭނެ ކަމަކީ މިއީއެވެ. އޭނާގެ ވެރިރައްބަށް އަދާކުރަންޖެހޭ ޙައްޤުގެ ވާހަކައެވެ. އެ ކަން ފުރިހަމަ ކުރިތޯއެވެ. އެ ކަމުގައި އެއްވެސް ވަރެއްގެ އިހުމާލެއްވެފައި އޮތްތޯއެވެ. އަޅުގަނޑުމެން އަބަދު އަޑުއަހަނީ ޙައްޤު ހޯދުމަށް ކުރާ މަސައްކަތްތަކުގެ ވާހަކައެވެ. އަނެކާއަށް ޙައްޤު ދިނުން އެއީ ހަނދާނަށް އަންނަ ކަމެއް ނޫނެވެ. ވަކީން ޚާއްޞަކޮށް ﷲއަށް އަދާކުރަންޖެހޭ ޙައްޤުތަކުގެ މަތީން ހަނދާން ހުންނަ މީހުން މާ މަދޭ ވެސް ދެންނެވިދާނެއެވެ. އިންސާނާ އޭނާގެ ވެރިރައްބަށް ޙައްޤު ނުދޭކަން ބަޔާންކުރައްވައި މާތް ﷲ ވަހީކުރައްވައިފައި ވެއެވެ. ﴿وَمَا قَدَرُوا اللَّهَ حَقَّ قَدْرِهِ﴾ ‎(الزمر: ٦٧)‏ މާނައީ: [اللَّهއަށް ޤަދަރުކުރުން ޙައްޤުވެގެންވާ ގޮތުގައި، އެއުރެން އެކަލާނގެއަށް ޤަދަރެއް ނުކުރެތެވެ.] ދުނިޔޭގެ ހަލަބޮލި ދިރިއުލުމުގައި ގަނަތެޅެމުންދާ އިންސާނުންގެ ދިރިއުޅުމަށް ބޭނުންވާ ހުރިހާ ޙައްޤެއް މާތް ﷲވަނީ ފުރިހަމަ ކޮށްދެއްވައިފައެވެ. ރިޒްޤުދެއްވަތެވެ. ރައްކާތެރިކަން ދެއްވަތެވެ. މާތް ﷲއަށް އަޅުކަން ކުރުން ނޫންކަމެއް އިންސާނާގެ ކިބައިން ﷲ އެދިވޮޑިގެން ނުވެތެވެ.

އަޅުކަމުގެ ތެރެއިން އެންމެ އިސްކަމެއް ދޭންވީ ނަމާދަށެވެ. ނަމާދު ފުރިހަމަވެއްޖެ ނަމަ އޭނާގެ ހުރިހާ ކަމެއް ފުރިހަމަވީއެވެ. ދުނިޔެއާއި އާޚިރަތުގެ ފަލާޙާއި ކާމިޔާބު ލިބުނީއެވެ. ޤިޔާމަތްދުވަހުން އެންމެ ފުރަތަމަ ހިސާބުބެލެވޭނީ ނަމާދާ ބެހޭގޮތުންނެވެ. ނަމާދު އުނިވެއްޖެ ނަމަ މަޙުޝަރުގައި އޮތީ ކަންބޮޑުވުމާއި ހާސްކަމެވެ. ބިރުވެރިކަމާއި ނާމާންކަމެވެ. އެ ވަގުތު ހިތަށް އަރާނެއެވެ. ދުނިޔޭގެ ހަލަބޮލި ދިރިއުޅުމުގައި، އަޅުކަން ނުކުރެވޭވަރަށް ތިމަންނާ މަޝްޣޫލުނުވި ނަމަ ކިހާ ރަނގަޅުހެއްޔެވެ. ނަމާދަށް ވަގުތު ހޯދުނު ނަމަ ކިހާ ރަނގަޅުހެއްޔެވެ.  ނަމަވެސް އެ ދުވަހުން ކުރާނޭ ކަމެއް ނޯންނާނެއެވެ. ވަގުތު އޮންނާނީ ފާއިތުވެ ގޮސްފައެވެ.

ދުނިޔޭގެ ހަލަބޮލި ދިރިއުޅުމާ ދިމާލަށް އިންސާނުން ލަވަނީ މުދަލާއި ފައިސާއެވެ. ދިރިއުޅުމުގެ ހާޖާތުތައް ފުއްދުމަށް ފައިސާ ބޭނުންވެއެވެ. ފަޤީރުންނާއި މިސްކީނުންނާށް އަޅައިލާ އެހީވުމަށް މުދަލާއި ފައިސާ ބޭނުންވެއެވެ. އިސްލާމީ ދަޢުވަތު ފެތުރުމަށް ފައިސާ ބޭނުންވެއެވެ. މިފަދަ މާތް މަތިވެރި ނިޔަތްތަކާ އެކު ކުރާ މަސައްކަތުން މުދަލާއި ފައިސާ ލިބެއެވެ. ދިރިއުޅުމުގެ ޙާޖާތުތައް ފުއްދުމަށް ކުރާ މަސައްކަތުގައި ބަރަކާތްލެއްވި މުދާ ގިނަވެ ތަނަވަސްކަން އިތުރު ވެއެވެ. އިސާހިތަކު މުދާ ދެއްވި ފަރާތް ހަނދުމަނެތިދެއެވެ. އެމުދަލުގައި އޮތް ފަޤީރުންގެ ޙައްޤާ މެދު ޣާފިލުވެއެވެ. މުދަލު ޒަކާތާ މެދު އިހުމާލުވެއެވެ. އިސްލާމް ދީނުގެ ދަޢުވަތަށް ހޭދަކުރުމީ މުހިންމު ކަމެއް ކަމުގައި ނުދެކެވޭތަން އާދެއެވެ. އެފަދަ މީހުންނަށް އާޚިރަތުގައި ހުރީ ބަދުނަޞީބު ކަމެވެ. އޭނާ އެއްކުޅަ މުދަލާއި ޚަޒާނާތައް އަލިފާނުން ދޮންކޮށް އޭނާގެ ބުރިކަށީގައްޔާއި އަރިކަށީގައި ޖައްސާ ފިއްސާލެވޭ ހުއްޓެވެ. އެ ވަގުތު އޭނާ ހިތަށް އަރާނެއެވެ! ދުނިޔޭގެ ހަލަބޮލި ދިރިއުޅުމުގައި ތިމަންނާ މަޝްޣޫލު ނުވި ނަމައެވެ. ފަރުޟު ޒަކާތް އޭގެ ޙައްޤުވެރިންނަށް ދެވުނު ނަމައެވެ. ނަމަވެސް އެ ދުވަހުން ކުރާނޭ ކަމެއް ނޯންނާނެއެވެ. ވަގުތު އޮންނާނީ ފާއިތުވެ ގޮސްފައެވެ.

ދުނިޔޭގެ ހަލަބޮލިކަމުގައި ރަމަޟާން މަހުގެ ރޯދަ ދޫކޮށްލާ މީހުން ވެސް އިސްލާމީ މުޖްތަމަޢުގައި މިއަދު އެބަ ތިއްބެވެ. ވަރުބަލިކަމާއި ކަރުހިއްކުމުގައި ދިރިއުޅުމަށް މަސައްކަތް ކުރުން ދަތިވާ ކަމުގެ އުޒުރު ދައްކައިގެން ރޯދައިގެ މަތިވެރި އަޅުކަން ދޫކޮށްލަނީއެވެ. މިފަދަ އުޒުރުތައް ދައްކައިގެން ރޯދަ ދޫކޮށްލާއިރު، އާޚިރަތުގެ ގަދަ ހޫނުގައި ކަރުހިއްކުން ނުފިލާ ހުންނަން ޖެހިދާނޭ ކަން އެފަދަ މީހުން ހަނދާނަކު ނުހުރެވެ. އެ ދުވަހުން އިރު ހުންނާނީ ތިރިކުރެވިފައެވެ. އޭގެ ގަދަ ހޫނުގެ ސަބަބުން ގައިން އޮހޮރެމުންދާ ދަލުން އޭނާގެ ވަށައިގެން ފެންބޮޑުވެފައި އޮންނާނެއެވެ. އެއް ބަޔަކުގެ ތަނބިކައްޓާ ހަމައަށް ހުންނައިރު އަނެއް ބައެއްގެ ކަކުލާ ހަމައަށް ދިޔަބޮޑުވެފައި ހުންނާނެއެވެ. އެ ދިޔަގަނޑު އުސްވަމުން ގޮސް ބައެއް މީހުން އޭގައި ގެނބޭނޭ ކަމަކަށް ޞައްޙަ ޙަދީޘުން އެނގެންއޮވެއެވެ. އެ ވަގުތު އޭނާ ހިތަށް އަރާނެއެވެ! ދުނިޔޭގެ ހަލަބޮލި ދިރިއުޅުމުގައި ތިމަންނާ މަޝްޣޫލު ނުވި ނަމައެވެ. ﷲގެ ވަޖުހުފުޅު އަދައިގެން ރަމަޟާން މަހުގެ ރޯދަ ހިފުނު ނަމައެވެ. ނަމަވެސް އެ ދުވަހުން ކުރާނެ ފައިދާ އެއް ނޯންނާނެއެވެ. ވަގުތު އޮންނާނީ ފާއިތުވެ ގޮސްފައެވެ.

މުސްލިމް ތަކުންނޭވެ! އެކުވެރި ކިޔުންތެރީންނޭވެ! ދުނިޔޭގެ ހަލަބޮލި ދިރިއުޅުން ތިބާ އާޚިރަތާ މެދު ޣާފިލު ކުރިޔަ ނުދޭށެވެ! ދީނީ ވާޖިބުތައް ފުރުހަމައަށް އަދާކުރާށެވެ! ފަލާޙާ ކާމިޔާބު އޮތީ އާޚިރަތުގައެވެ. ވަގުތީ މި ދުނިޔެއަކުނޫނެވެ.