މާލޭގެ ގެސްޓްހައުސްއަކަށް އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު ގެންގޮސް އެ ކުއްޖާ ރޭޕުކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ އަދި އެ މައްސަލައިގައި ދައުވާ ކޮށްފައިވާ އަނީސް ހިލްމީ ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުކޮށް، އަނީސް އަލުން ބަންދުގައި ބެހެއްޓުމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
އެ މައްސަލައިގައި އަނީސް ހައްޔަރުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ތެރޭގައެވެ. ފުލުހުން އެއިރު ބުނެފައިވަނީ އަނީސް ވަނީ 11 އަހަރުގެ އެ ކުއްޖަކަށް އެކި ބާވަތުގެ ތަކެތި ގަނެދީ، ގްރޫމްކޮށްގެން، އެ ކުއްޖާ ގެސްޓްހައުސްއަކަށް ގެންގޮސް އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައި ކަމަށެވެ. ކުރިމިނަލް ކޯޓުން ވަނީ އެ މައްސަލައިގައި އަނީސް ޝަރީއަތް ނިމެންދެން ބަންދުކޮށްފައެެވެ.
ނަމަވެސް އެ ކޯޓުން ވަނީ މިދިޔަ މަހުގެ ފަހުކޮޅު އަނީސް ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައެވެ. ކުރިމިނަލް ކޯޓުން އެގޮތަށް އަމުރުކުރީ އެ މައްސަލައިގެ ހެކިވަސް ނަގައި ނިމިފައިވާތީއާއި އަނީސް ބަންދުގައި ހުރިއިރު ގަވާއިދާހިލާފު ކަމެއް ކޮށްފައިނުވާތީއެވެ.
ދައުލަތުން އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފުކުރުނުން، އެ މައްސަލައިގައި ހައި ކޯޓުން މިއަދުކުރި ހުކުމުގައި ބުނީ މައްސަލައިގެ ހެކިބަސް ނަގައި ނިމިފައިވުމަކީ އޭނާ ބަންދުން ދޫކޮށްލަންޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި ބުނީ މީހަކު ބަންދުން ދޫކުރެވޭނީ މައްސަލައަށް އަސަރު ނުކުރާ ގޮތަށް ޝަރުތުތަކެއް ކުރުމަށްފަހު، އެ ޝަރުތުތަކާ އެއްގޮތަށް އަމަލުކުރާނެކަން ކަށަވަރުވާނެ ގޮތެއް މަތިން ކަމަށެވެ. ކުރިމިނަލް ކޯޓުން އަނީސް ބަންދުން ދޫކޮށްލީ އެގޮތަށް ޝަރުތުތަކެއް ކުރުމެއް ނެތި ކަމަށެވެ.
އެހެންވެ ހައި ކޯޓުން ހުކުމްކުރީ ކުރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށް އޭނާ އަލުން ބަންދު ކުރުމާ މެދު ކްރިމިނަލް ކޯޓުން އަލުން ގޮތެއް ނިންމަންދެން އޭނާ ހަތް ދުވަސް ވަންދެން ބަންދުކުރުމަށެވެ.

ގުޅުންހުރި
ރައުދުގެ ބަންދު އަމުރުތައް ސިއްރުކުރަން ފަށައިފި
ކަސްޓަމުގެ ގުދަނުން ސިނގިރޭޓް ގެއްލުން: އެންމެން ދޫކޮށްލައިފި
ރައުދުގެ ބަންދަށް އިތުރު 20 ދުވަސް ޖަހައިފި
ފައިވާނެއް ވަގަށް ނެގުމުން މުޖުތަމައަށް ނުރައްކާވެދާނެތީ ފަސް ދުވަހަށް ބަންދުކޮށްފި
ޔާމީންގެ ދިފާއުގައި ހެކިބަސް ދޭން ދެކޮޅު ހެއްދެވީ މައުލޫމާތު ނެތް ކަމަކަށް
ސީސީޓީވީ ފުޓޭޖު ގަޑި ދިމާނުވާތީ ޝަމީމަށް ހަމަލާދިން އެންމެން ސަލާމަތްވެއްޖެ