ޖުލައި 4, 2024

ފިޠުރު ޒަކާތް ދައްކައިފިންތަ؟

ފިޠުރު ޒަކާތް ދައްކައިފިންތަ؟ މިއީ މިހާރު ކުރުން ވަރަށް މުހިންމު ސުވާލެކެވެ. ކޮންމެ މީހަކު އޭނާގެ އަމިއްލަ ނަފުސައް ވެސް މި ސުވާލުކުރަން ވާނެއެވެ. އޭނާގެ ބެލެހެއްޓުން ތެރިންނަށް ހަނދާންކޮށްދިނުމުގެ ގޮތުން އަދަބުވެރިކަމާ އެކު މި ސުވާލު ކުރަންވާނެއެވެ. އަނބިމީހާ ފިރިމީހާ ކުރެން ވެސް އަހަންވާނެއެވެ. ގާތްތިމާގެ މީހުންނާއި ދުރުތާތިމާގެ މީހުން ކުރެން ވެސް އަހައި އޮޅުން ފިލުވަން ވާނެއެވެ. ރައްޓެހިން ވެސް އެއްބަޔަކު އަނެއްބަޔަކާ މި ސުވާލުކޮށް މިކަމާ އުޅުވަންވާނެއެވެ.

ފިޠުރު ޒަކާތަކީ ފަރުޟު އަޅުކަމެކެވެ. ޒަކާތް ނުދީ ހުރުމީ ފާފަވެރިވާނޭ ކަމެކެވެ. މިއަދު އަޅުގަނޑުމެންގެ ތެރޭ ފިޠުރު ޒަކާތް ދެއްކޭނޭ މަގުތައް ވަރަށް ބޮޑަށް ވަނީ ތަނަވަސް ވެފައެވެ. ރަމަޟާންމަސް ފެށުމާ އެކުއެކީ ކަހަލަ ގޮތަކަށް އިސްލާމިކް މިނިސްޓްރީން ވަނީ ޒަކާތް ދެއްކުމުގެ ދޮރުތައް ހުޅުވައިލާފައެވެ. އެ ފޮހީހަށް ގޮސް ޒަކާތް ދެއްކޭނޭ ގޮތާއި ގޭގައި އިނދެގެން އޮންލިންކޮށް ފިޠުރު ޒަކާތް ދެއްކޭނޭ ޕްލެޓްފޯރމްތައް ވެސް ވަނީ ޤާއިމުކުރައްވައިފައެވެ. މިހައި ފަސޭހަކޮށް ކަންކަން ހަމަޖެހިފައި އޮންނައިރު ވެސް ރަމަޟާންމަސް ނިމި ޢީދުނަމާދުން އަވަދިވަންދެން ވެސް ބައެއް މީހުން ޒަކާތް ނުދައްކާ އެބަތިބެއެވެ. މިއީ ހިތާމަ ހުރިކަމެކެވެ.

ރަމަޟާންމަހުގެ ދުވަސްތައް ނިމި ޝައްވާލު މަހަށް ހަނދު ބަލައި ޢީދު ނަމާދު ނިމެންދެން ޒަކާތް ނުދައްކާ ތިބެނީ އެއް ބަޔަކު ހަނދާން ނެތިގެންނެވެ. އަނެއް ބަޔަކު ފަރުވާކުޑަކަމުންނެވެ. އަދުނޫންމާދަން އެ ކަން ކުރަން ފަސްކުރާތީއެވެ. ލަސްކުރުމަކީ ނިކަން ފަސޭހައިން ކަންކަން ހަނދާން ނެދޭނޭ ކަމެކެވެ. މިހައިތަނަށް ފިޠުރު ޒަކާތް ނުދައްކާ ތިބި ހުރިހާ ދިވެހި ރައްޔިތުންނަށް ނަސޭހަތްތެރިވެ އިލްތިމާސް މި ކުރަނީ ވީ އެންމެ އަވަހަށް ފިޠުރުޒަކާތް ދެއްކުމަށެވެ. ފިޠުރު ޒަކާތް ނެރުން އެންމެ އަޢުލާ ވަގުތުގައި އެ ކަން ކުރަން އެދޭ މީހުން ވެސް އެ ކަން އެ ދުވަހުން ހަނދާން ވާނޭ ގޮތަކަށް މިއަދު ކަންކަން ކުރަން ޖެހެއެވެ. ފޯނަށް ނޮޓިފިޗޭޝަނެއް ލާށެވެ. އެ ކަން ހަނދާން ކޮށްދޭން އަނބި ދަރީންގާތު ވެސް ބުނާށެވެ. ފާރުގައި ހުންނަ ކަލަންޑަރުގައި އެ ކަން ފާހަގަ ވެސް ކުރާށެވެ. އެއީ ކަމަކީ އޮޅުމަކުން ވެސް ނުކޮށް ދޫކޮށްލާ ވަރަށް ވުރެ މުހިންމު ކަމެކެވެ.

ފިޠުރު ޒަކާތް ނެރުމަކީ ވަރަށް މަތީ ދަރަޖައެއްގެ އަހަންމިއްޔަތެއް ދޭންޖެހޭ އަޅުކަމެކެވެ. އޭގައި މައިގަނޑު ތިން ފައިދާއެއް ވެއެވެ. ފުރަތަމައީ މާތް ﷲއަށް ކިޔަމަންތެރި ވުމާއި ތަޤުވާވެރިކަން އިތުރުވުމެވެ. ދެވަނައީ ރަމަޟާންމަހު ކުރެވިފައިވާ ކުދި ފާފަތަކަށް އޮތް ކައްފާރާއެއް ކަމުގައި ވުމާއި ތިމާގެ އަމިއްލަ ނަފުސު ތަޒްކިޔާވުމެވެ. ތިންވަނައީ ފަޤީރުންނާއި ނިކަމެތީންގެ ހާޖާތުތައް ފުދުމާއި ޢީދުގެ އުފަލުގައި ތަނަވަސްކަމުގެ އަހުލުވެރީންނެކޭ އެއްފަދައިން ފަޤީރުންނާއި ނިކަމެތީންނަށް ވެސް ބައިވެރިވެވުމެވެ. މި ދެންނެވި ފައިދާ ތަކުގެ އިތުރަށް ފަޤީރުންގެ ހިތްތަކުގައި މުއްސަނދީންނަށް ލޯބި އުފެދުމާއި މުއްސަނދީންގެ ހިތްތަކުގައި ފަޤީރުންނަށް ކުލުނުވެރިކަން އުފެދުން ހިމެނެއެވެ. އަދި ހަމަ އެހެންމެ ނިކަމެތީންނާއި ހާލުގައި ޖެހިފައި ތިބޭ މީހުންގެ ބަދު ދުޢާއާއި ނޭއްގާނީ ބަސްތަކުން ތަނަވަސްކަމުގެ އަހުލުވެރިން ސަލާމާތްވެ ރައްކައުތެރިވެގެން ވުންވެސް މި ކަމާ ގުޅުން އެބަހުއްޓެވެ.

ފިޠުރު ޒަކާތް ނެރުން އެންމެ އަޢުލާ ވަގުތަކީ ރަމަޟާންމަހުގެ އިރު އޮއްސުނީއްސުރެ ޢިދުނަމާދާ ހަމައަށެވެ. އެ މުއްދަތުގެ ފަހުން ނެރޭ އެއްޗަކީ ޒަކާތް ނޫންކަމާއި އޭގެ ޙުކުމަކީ ޞަދަޤާދެއް ކަމުގައި ނަބީކަލޭގެފާނު ވަނީ ބަޔާންކުރައްވައިފައެވެ. އެހެންކަމުން ޢީދުނަމާދުގެ ކުރިޔަށް ޒަކާތް ނެރެން އަދިވެސް އެއްފަހަރު އިލްތިމާސް ކުރަމެވެ. އެންމެ ފަހު ވަގުތު އެކަން ނުވުމަށްވުރެ ކުރިޔައިލާ އެކަން ނިންމުން ބުއްދިވެރިއެވެ. ލަސްވުމުގެ ސަބަބުން ހަނދާންނެތިވެ ނުވަތަ އަވަދިނެތިވެ އެކަން ނުވެދާނޭ ކަމަށް ބިރުވެތިވާ މީހާ މިހާރު ވެސް ޒަކާތް ނެރެންވީއެވެ. އޭނާއަށް ޒަކާތް ވާޖިބުވާ ވަގުތު އަންނައިރު (އެބަހީ ރަމަޟާންމަސް ނިމޭއިރު) އޭނާ ދުނިޔޭގައި ނެތް ނަމަ އޭނާ ނެރުނު ޒަކާތް ވާނީ ޞަދަޤާތަކަށެވެ. ޒަކާތަށް ނުވިކަމުގައި ވިޔަސް އޭނާ ނެރުނު ތަކެތީގެ އަޖުރު ޞަދަޤާތުގެ ގޮތުގައި އޭނާއަށް ލިބޭނެއެވެ. ތަޤުވާވެރިކަމާ އެކު މީހަކު ކޮށްފި އެއްވެސް ޢަމަލަކުން އެ މީހަކަށް ގެއްލުން ނުވާހުއްޓެވެ. މާތް ﷲގެ ޙަޟްރަތުގައި އެއްވެސް އެއްޗެއް ގެއްލެނިވެ ނުދާހުއްޓެވެ. އެއިލާހީ ހަނދާންނެތިވުމާއި ނޭނގުން ފަދަ ހުރިހާ އުނިސިފައަކުން ހުސްޠާހިރުވެވޮޑީގެންވާ ރަސްކަލާނގެއެވެ.

ފިތުރު ޒަކާތާ ބެހޭގޮތުން ހުރި މުހިންމު އިތުރު ލިޔުންތައް އަދި މި ރަމަޟާންމަހު ތިޔަ ކިޔުންތެރީނާ ހަމައަށް ގެނެސްދިނުމުގެ އުންމީދުގައި މި ލިޔުން ކުރުކޮށްލާނަމެވެ. އަދި ވެސް އެއްފަހަރު އަޅުގަނޑުގެ އަމިއްލަ ނަފުސަށާއި ތިޔަ އަޚުންނާއި އުޚުތުންގެ ކިބައިން އަހައި ލަން ބޭނުންވާ ސުވާލަކީ ”ފިޠުރު ޒަކާތް ދައްކައިފިންތަ؟“ މި ސުވާލެވެ. ފިޠުރު ޒަކާތް ނުދައްކައި ނުހުންނާށެވެ. އެ ކަމަށް އަވަސްވާށެވެ!