ޖުލައި 6, 2024

ޔާމީންގެ ސުވާލެއް: އަދުރޭގެ އަންހެނުންނާއި ދަރިއަށް މަގާމު ލިބުނީ ކޮން ސިޔާސީ މަސައްކަތެއް ކޮށްގެންތޯ؟

ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ އަންހެނުންނާއި ދަރިފުޅަށް ސަރުކާރުން މަގާމެއް ލިބުނީ މަގުމައްޗަށް ނުކުމެ ކޮން ސިޔާސީ މަސައްކަތެއް ކޮށްގެންތޯ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުވާލު އުފައްދަވައިފި އެވެ.

އެ މަނިކުފާނު އެގޮތަށް ސުވާލު އުފެއްދެވީ މި މަހުގެ ހަތްވަަނަ ދުވަހު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމެއްގައި އަދުރޭ އުފެއްދެވި ސުވާލަކަށް ރައްދު ދެއްވަމުންނެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން ބޭއްވި ޕެނަލް ޑިސްކަޝަންއެއްގައި އަދުރޭ ވަނީ ޔާމީން ޖަލުގައި ހުންނެވިއިރު އެ މަނިކުފާނު މިނިވަން ކުރުމަށް އަނބިކަނބަލުން ފާތިމަތު އިބްރާހިމް ދީދީ އާއި ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން މުޒާހަރާއަށް ނުނިކުންނެވީ ކީއްވެގެންތޯ ސުވާލު ކުރައްވާފަ އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވާ ރައީސް ޔާމީން ރޭ ވިދާޅުވީ، އެ މަނިކުފާނު ޕީޕީއެމް/ ޕީއެންސީގައި މަސައްކަތް ކުރެއްވި އިރު، އަދުރޭގެ އަންހެނުންނާއި ދަރިފުޅުވެސް ނުފެންނަ ކަމަށާއި އަދުރޭގެ އެ ވާހަކައަކީ ރައްޔިތުންނަށް އޮޅުވާލަން ދައްކަވާ ވާހަކައެއް ކަމަށެވެ.

”އަބްދުއްރަހީމަށް މި ހުރިހާ މަގާމުތަކެއް ލިބުނީ އަބްދުއްރަހީމްގެ އަންހެނުންނާއި އޭނާގެ ދަރިފުޅާ މި ހުރިހާ މީހުން ނުކުމެ މަގުމަތީގައި ސިޔާސީ މަސައްކަތް ކޮށްގެންތޯ. ހާދަ ހާންދާނު ބޮޑު އާއިލާ ބޮޑު މީހަކަށް ވެއްޖެޔޭ މަގާމުތަކާ ހަމައަށް އައިމަ. އަޅުގަނޑުމެން ނުދެކެމޭ ޕީޕީއެމް/ޕީއެންސީގައި މަސައްކަތް ކުރިއިރު އެތަނުން ހަމަ އެކަކުވެސް. އަޅުގަނޑުމެން ނުދެކެމޭ. އެހެންވީމަ ދިވެހި ރައްޔިތުންނަށް ކޮން ހުވަފެނެއް، ކޮން ޖާދުލެއްގެ ވާހަކައެއްތޯ މި ދައްކަނީ؟“ ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާނު ރޭ ވަނީ ދެ ޕާޓީގެ ލީޑަރުންނަށް އެ މަނިކުފާނު މިނިވަން ނުކުރެވުމުން އެކަން އެ މަނިކުފާނުގެ އާއިލާގެ ބޮލުގައި އަޅުވަނީ ކީއްވެގެންތޯ ސުވާލު ކުރައްވައިފަ އެވެ.

އަދި އެ މަނިކުފާނު މިނިވަން ކުރުމުގެ ނަމުގައި ހިންގި މުޒާހަރާތަކުން ހައްޔަރު ކުރާނެ މީހުން ކަނޑައަޅާ އަންގަނީ ޕީޕީއެމް/ ޕީއެންސީގެ ވެރީންގެ ތެރެއިން ބަޔަކު ކަމަށާއި އެހެންކަމުން އެ ބޭފުޅުންގެ ރޭވުން އޮތީ މެޑަމް ފާތުންނާއި ދަރިކަލުން ޒެއިން މުޒާހަރާއަށް ނެރެ ހައްޔަރު ކުރުން ކަމަށް ތުހުމަތު ކުރެއްވި އެވެ.

”އަޅުގަނޑު ޖަލުގައި ހުންނައިރު އަޅުގަނޑުގެ އާއިލާގެ ފަރާތުން އަޅުގަނޑަށް ހެޔޮ އެދޭ މީހުން ކައިރިއަށް އަޅުގަނޑުމެންނަށް ހެޔޮ އެދޭ މީހުން، އެއީ ބޭރު ސަރުކާރުތައް ކަމަށްވިޔަސް ދާން ވާހަކަ ދައްކަން ތިބީ ދެ މީހުން. އެއީ އަޅުގަނޑުގެ ދޮށީ ދަރިފުޅު ޒެއިން ދެން އަޅުގަނޑުގެ އަންހެނުން ފާތުން. އެހެންވީމަ މި ދެ މީހުން މަގުމައްޗަށް ނިކުތިއްޔާ ހަމަ މިތާ އެތެރޭން [ޕީޕީއެމާއި ޕީއެންސީން] ފުރަތަމަ އަންގާނީ ހިފާ ހައްޔަރު ކުރަން ޖެހޭނީ މި ދެ މީހުން ކަމަށް،“ ޔާމީން ވިދާޅުވި އެވެ.