ޖުލައި 4, 2024

ސަރުކާރުން ވަނީ ކެމްޕޭނަށް ދައުލަތުގެ ބަޖެޓުން 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފަ: ސޯލިހު

މިއަންނަ އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނަށް ސަރުކާރުން ވަނީ ދައުލަތުގެ ބަޖެޓުން 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައި ކަމަށް އެމްޑީޕީގެ އެޑްވައިޒަރި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މަޖިލިސް ކެމްޕޭން ނިންމާލުމަށް މިއަދު ކުރިއަށް ގެންދިޔަ ”މިސްރާބު ހަމަމަގަމަށް ކެމްޕެއިން ޕެރޭޑު“ ގައި ވާހަކަދައްކަވަމުން ސޯލިހު ވިދާޅުވީ ރާއްޖެފަދަ ޑިމޮކްރަޓިކް ގައުމެއްގައި ވެރިކަން ކުރަންވާނީ ރައްޔިތުން ބޭނުންވާ އެދޭ ގޮތަށް ހުރިހާ ކަމެއް ހާމަކަން ބޮޑު ގޮތެއްގައި ކަމަށެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ފަސްމަސް ދުވަސް ވެގެންދިޔައިރު ސަރުކާރު ހިނގަމުންދާ ގޮތުގެ މައުލޫމާތު އެނގޭ މީހަކު ނެތް ކަމަށެވެ. ދައުލަތުގެ ބަޖެޓުން ހަރަދުތައް ކުރަމުންދަނީ ކިހިނެތް ކަމެއް ނޭނގޭ ކަމަށާއި މިދިޔަ ތިން ހަފުތާ ތެރޭގައި ދައުލަތުގެ މާލިއްޔަތާ ބެހޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައިނުވާ ކަމަށް ސޯލިހު ވިދާޅުވިއެވެ.

”ސަރުކާރުގެ މާލިއްޔަތު ހޭދަކޮށްގެން ކެމްޕޭން ކުރުމަށްޓަކާ 100 މިލިއަނަށްވުރެ ގިނަ ރުފިޔާ އެ ބޭފުޅުން ހަރަދުކޮށްފި. ސުވާލުކުރިޔަސް ޖަވާބެއް ނުލިބޭ. މިކަން ހަމަޔަކަށް އެޅުވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން. އެހެންވެ އަޅުގަނޑުމެން ނުކުމެމިތިބީ“ ސޯލިހު ވިދާޅުވިއެވެ.

ސޯލިހު ވިދާޅުވީ އެމްޑީޕީއަށް މަޖިލިސް މެޖޯރިޓީ ކާމިޔާބު ކުރެވިއްޖެނަމަ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހަކުން ކުރާނެ ކަމަށެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް އެ މަނިކުފާނު ވަނީ ދަތުރުކުރައްވާފައި ކަމަށާއި ކޮންމެ ރަށަކުން ވެސް އިވުނީ ސަރުކާރާމެދު ހުރި ޝަކުވާތަކުގެ އަޑުތައް ކަމަށް ސޯލިހު ވިދާޅުވިއެވެ.

”އަޅުގަނޑު މިއައީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ދަތުރުކޮށްފަ. ކޮންމެ ދިމާއަކުން އަޅުގަނޑަށް ފެންނަނީ މާޔޫސްކަން. ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަންވެގެން ވީ ވައުދުތައް ފުއްދަމުން ނުދާތީވެ އެކަމާ ކަންބޮޑުވެފަ ތިބީ. މިކަން ބަދަލުކުރަން ޖެހިޖެއްކަން އެންމެންނަށް ރާއްޖޭގެ ކަންކޮޅުތަކުގެ އެންމެންގެ ފަރާތުން އަޑުއުފުލަމުން އެބަދޭ“ ސޯލިހު ވިދާޅުވިއެވެ.

މީގެ އިތުރުން ސޯލިހު ވިދާޅުވީ އެމްޑީޕީއަށް ވޯޓު ދޭންވީ ހުއްޓިފައިވާ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ކަމަށާއި ސަރުކާރުގެ ތާއީދު އޮތް ކެންޑިޑޭޓުންނަށް ދޭ ވޯޓަކީ ތަރައްގީއާ ދެކޮޅަށް ދެވޭ ވޯޓެއް ކަމަށް ސޯލިހު ވިދާޅުވިއެވެ. މި ސަރުކާރުން ގެންގުޅެނީ ކުދި ރަށްރަށް ތަރައްގީން ބާކީ ކުރުމުގެ ވިސްނުމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.