ނޮވެމްބަރ 22, 2024

އެސްޓީއޯގެ ސްމާޓް ސްޓޯރު މިހާރު 24 ގަޑިއިރު ހުޅުވާފައި ހުންނާނެ

އެސްޓީއޯގެ ސްމާޓް ސްޓޯރު މިހާރު 24 ގަޑިއިރު ހުޅުވާފައި ހުންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހިންގަމުންދިޔަ އެސްޓީއޯގެ ފިހާރަ ސްމާޓް ފިހާރައަކަށް ބަދަލުކުރުމަށް ފަހު ރަސްމީކޮށް ހުޅުވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.

މިއީ ރާއްޖޭގެ ފުރަތަމަ ކޭޝިއަރުން ނުތިބޭ ސްމާޓް ފިހާރަ އެވެ. އެގޮތުން އެ ފިހާރައަކީ ’ގްރެބް އެންޑް ގޯ‘ ކޮންސެޕްޓުގެ ފިހާރައެކެވެ. އެ ކޮންސެޕްޓަކީ 2016 ވަނަ އަހަރު ދުނިޔެއަށް ތައާރަފުކޮށް, ކުރިއަރާފައިވާ ގައުމުތަކުގައި މިހާރުވެސް ބޭނުން ކުރަމުން އަންނަ ޓެކްނޮލޮޖީއެކެވެ.

މި ޓެކްނޮލޮޖީއާ އެކު ފިހާރައިގައި ކަސްޓަމަރުން ހޭދަކުރަންޖެހޭ ވަގުތު ހާސްބައި ކުޑަކޮށްދީ, ފައިސާގެ މުއާމަލާތްތައް ކުރުމުގައި އަރާ އޮޅުންތަކެއް ނާރާނެ އެވެ.

އެގޮތުން އެ ފިހާރަ އިން ކުރާ ވިޔަފާރީގެ ހުރިހާ މުއާމަލާތްތަކެއްވެސް ކުރެވޭނީ މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. އެޕް ސްޓޯރު އަދި ޕްލޭ ސްޓޯރުންވެސް އެޕްލިކޭޝަން ޑައުންލޯޑު ކުރެވޭނެ އެވެ. އެ އެޕްލިކޭޝަންގައި އެ މީހެއްގެ ޑެބިޑް ނުވަތަ ކްރެޑިޓް ކާޑު ރަޖިސްޓްރީކޮށް ލޮގިންއެއް ހަދަން ޖެހޭނެ އެވެ.

ސްމާޓް ފިހާރައަށް ވަދެވޭނީ އެޕުން ޖެނެރޭޓު ކުރާ ކިޔުއާރު ކޯޑު ސްކޭން ކޮށްލުމުންނެވެ. ފޯނު އަތުގައި ނޯންނަ ހާލަތުގައިވެސް އެޕްލިކޭޝަނުގައި ހިމަނާފައިވާ ފޭސް ރިކޮގްނިޝަން ފީޗާއިން މޫނު ސްކޭންކޮށްލުމަށް ފަހު ފިހާރައަށް ވަދެވޭނެ އެވެ.

ފިހާރައަށް ވަދެ ބޭނުންވާ މުދާ ހަރުތަކުން ނަގަމުންދާ އިރު، ވާޗުއަލް ކާޓަކަށް އެ އެއްޗެހި އިތުރުވަމުންދާނެ އެވެ. އަލުން އެ އެއްޗެއް ހަރަށް ލައިފި ނަމަ، ކާޓުން އެ އެއްޗެއް އުނިވާނެ އެވެ. އެކަން ދެނެގަންނަމުންދާނީ ހަރުތަކުގައި ގާއިމުކޮށްފައި ހުންނަ ސެންސަރުތަކުންނާއި ފިހާރައިގައި ހަރުކޮށްފައިވާ ކެމެރާތަކުންނެވެ.

ކަސްޓަމަރު ފިހާރައިން ނުކުންނަ އިރު، ގަތް ތަކެއްޗަށް ފައިސާ ދެއްކޭނީ ’ޓޯކަނައިޒޭޝަން‘ ކިޔާ ފީޗާ އެއް މެދުވެރިކޮށެވެ.

އެސްޓީއޯގެ ސްމާޓް ފިހާރައިން އެ ކުންފުނިން އެތެރެކޮށް ވިއްކާ އުފެއްދުންތަކުގެ އިތުރުން އާންމު ކުދި ވިޔަފާރިތަކުގެ އުފެއްދުންތައްވެސް ލިބެން ހުންނާނެ އެވެ.

މި ފިހާރައިގައި ހުންނަ އޭއައި ކެމެރާތަކުން ހަރުތަކަށް ފިހާރައިގެ ސްޓޮކު ބެލެހެއްޓުމުގެ ގާބިލުކަން ލިބިގެންވެ އެވެ. އެގޮތުން ފިހާރައިން މީހަކު އެއްޗެއް ގަންނައިރަށް ފިހާރައިގައި ހުރި މުދަލުގެ ހިސާބުތައް ވެންޑާއަށް އެޕްލިކޭޝަނުން ނޯޓިފިކޭޝަނެއް ދާނެ އެވެ. އޭރުން މުދާ ރީސްޓޮކް ކުރަން ވެންޑާއަށް އެނގޭނެ އެވެ.