ޖުލައި 4, 2024

ޖަޒީރާ ޓެލެގްރާމް ޗެނަލްގެ މައްސަލަ: ޑުރަގާއި ހަށިވިއްކުން އިސްތިހާރުކޮށް ވިއްކައިގެން 9.5 މިލިއަން ހޯދި!

ތަފާތު ޖިނާއީ ބޮޑެތި ކުށްތަކަށް އަރައިގަތުމަށް ޓެލެގުރާމުގައި ”ޖަޒީރާ އެޑްމިން“ގެ ނަމުގައި ހަދާފައިވާ އެކައުންޓް ހިންގި މީހުން ކުށްކޮށްގެން 9.5 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ޖަޒީރާގެ ނަމުގައި މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ހަށިވިއްކުމާއި ޑުރަގުގެ ވިޔަފާރި ފަދަ ހުއްދަ ނޫން އެތައް ވިޔަފާރިއެއް ހިންގަމުން ދިޔަ ޓެލެގްރާމް ގުރޫޕްތަކެއްގެ މައްސަލަ ތަހުގީގުކޮށް އެ ޗެނަލްތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކާއި އެކަމުގައި ބައިވެރިވާ ޓެކްސީ ޑްރައިވަރަކު ހައްޔަރުކުރި އެވެ.

އެ ތިން މީހުންގެ މައްޗަށްވެސް ދައުވާ ކުރުމަށް މި މަހުގެ ތިން ވަނަ ދުވަހު ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅައިފަ އެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، އެ މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވީ ”ޖަޒީރާ“ އާއި ”ޖަޒީރާ ގާލްސް“ އަދި ”ޖަޒީރާ އެސްކޯޓްސް ގެލެރީ“ ނަމުގައި ތަފާތު ޗެނަލްތައް ހަދައި، ޑުރަގް އިސްތިހާރުކޮށް، ވިއްކުމާއި ހަށިވިއްކުމަށް ހިތްވަރުދޭ ގޮތަށް އިސްތިހާރުކޮށް، އެކަމަށް މަގުފަހިކޮށް އަދި ރާއްޖޭގައި އާންމުކޮށް ވިއްކުން މަނާ ބޭހައި އަދި އޮރިޔާން މަންޒަރު އެކުލެވޭ ފޮޓޯ އާއި ވީޑިއޯ ޕޯސްޓް ކުރަމުން ގެންދިޔަ މައްސަލައިގައި ކަމަށެވެ.

އެ މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ ދަފްތަރު ނަންބަރު ރސ 12966، އިބްރާހީމް ރަޝީދު އަށާއި ތ. ވޭމަންޑޫ/ ރެދިންގެ، ނިޝާނީ އަލީ އަދި ގދ. ރަތަފަންދޫ/ ވެލީގެ، އައިސަރު ނަސީމްގެ މައްޗަށެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، އެ ދައުވާތަކާ ގުޅިގެން އެ ތިން މީހުން ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 9,495,685.55 ދައުލަތަށް ނަގައިދިނުމަށް އެދިފައިވާނެ ކަމަށެވެ. އަދި އެ ފައިސާ އެކި އަދަދުތަކުން އެކި އެކައުންޓުތަކުން ދައުރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.