ޖުލައި 3, 2024

ގްރޫޕު މާރާމާރީއަކާ ގުޅޭ ވީޑިއޯއެއް ފުލުހުން އަތުން ގެއްލި، ދައުވާ ލިބުނު އެންމެން ސަލާމަތްވެއްޖެ

މީގެ ހަތް އަހަރު ކުރިން، 2017 ވަނަ އަހަރު ހިންގި މާރާމާރީއެއްގެ ވީޑިއޯ ފުލުހުންގެ އަތުން ގެއްލުމުން، އެ މައްސަލައިގައި ދައުވާ ލިބުނު މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ގްރޫޕަކުން ގޮސް ޒުވާނަކަށް ކޯރާޑިއަކުންނާއި ތޫނު އެއްޗެހި ބޭނުންކޮށްގެން އޭނާގެ ބޮލަށާއި ބުރަކައްޓަށް ހަމަލާ ދިން އެ މައްސަލައިގައި ދައުލަތުން ވަނީ ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށްފަ އެވެ.

އޭގެ ތެރެއިން ދެ މީހެއްގެ މައްޗަށް ނުރައްކާތެރި ހާނިއައްކައެއްވާ ގޮތަށް ނުރައްކާތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ ކޮށްފައިވާއިރު، ތިންވަނަ މީހާގެ މައްޗަށް އެ މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އަދި ހަތަރު ވަނަ މީހާގެ މައްޗަށް އެ މާރާމާރީ ހިންގަން އުޅުމުގެ ދައުވާ ކޮށްފައިވެ އެވެ.

މީގެ އިތުރުން ދައުލަތުން ވަނީ މަގުބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ އިތުރު ދައުވާއެއް އޭގެ ތެރެއިން ތިން މީހެއްގެ މައްޗަށް ކޮށްފަ އެވެ.

އެ މައްސަލައިގެ ރައުޔުގައި މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވީ އެ މައްސަލައިގައި ތުހުމަތުވާ މީހުންނަށް ދެކޮޅަށް ލިބިފައިވާ އެންމެ މުހިންމު ހެއްކަކީއެ ސަރަހައްދުގައި ހުރި ފުލުހުންގެ ކެމެރާތަކުގެ ވީޑިއޯ ފުޓޭޖުތައް ކަމަށެވެ. އެގޮތުން ހަމަލާ ދިނުމަށްފަހު އެތަނަށް މީހުން ދިޔަ މަންޒަރާއި އަދި ހަމަލާ ދިނުމަށްފަހު ހަތިޔާރު ހިފައިގެން އެ ތަނުން ނުކުތް މަންޒަރުވެސް އެ ފުޓޭޖުތަކުން ފެންނަ ކަމަށް ފުލުހުން ކޯޓުގައި ކުރިން ބުނެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

”މީގެ އިތުރުން މައްސަލައިގެ ތަހުގީގުން ބަލައި ދިރާސާ ކުރި ކެމެރޭ ފޫޓޭޖުތަކުގެ ތެރެއިން އެންމެ ސާފު އަދި އެންމެ މުހިންމު ކެމެރާ ފޫޓެޖަކީ ކުރިން ދެންނެވުނު ޕޮލިސް ކެމެރާ ފޫޓޭޖުކަމާއި ނަމަވެސް މި ހާދިސާ ހިނގިތާ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި މި ސާވިސްގެ ސާވާއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ޕޮލިސް އެއްވެސް ކެމެރާއެއްގެ ފުޓޭޖު މިހާތަނަށް ނެގިފައި ނުވެ އެވެ. އަދި ތުހުމަތު ކުރެވޭ މީހުން އައި ރޫޓާއި ދިޔަ ރޫޓު އެނގެން އޮތީވެސް ޕޮލިސް ކެމެރާ ފޫޓޭޖުންތަކުން ކަމާއި އެ ކެމެރާ ފޫޓޭޖުތަކުން ބެކަޕް ނެގުމަކީ ބޮޑު ހޭދައެއް ކޮށްގެން ނޫނީ ނުކުރެވޭނެ ކަމެއް ކަމަށް މި ސާވިސްގެ ޓެކްނޮލޮޖީ ޑިޕާޓްމެންޓްގެ ފަރާތުން ތަހުގީގަށް މައުލޫމާތު ދީފައިވާތީވެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ އެއްވެސް މީހެއްގެ ވީޑިއޯ ކޮމްޕެރިޒަން ހެދިފައި ނުވާކަން ފާހަކުރަމެވެ.“ ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވި އެވެ.

ގާޒީ އިތުރަށް ވިދާޅުވީ ދައުވާ ލިބުނު މީހުންގެ މައްޗަށް ކުށް ސާބިތުކުރަން ދައުލަތުން ހުށަހެޅި ސިއްރު ހެކިން ކޯޓަށް ހާޒިރުކުރަން ގިނަ ފުރުސަތުތަކެއް ދިން ނަމަވެސް އެ މީހުން ހާޒިރު ނުކުރެވޭތީ އެ މީހުންގެ ހެކިބަސް ލިބިފައިނުވާ ކަމަށެވެ. އެހެންވެ، ދައުވާ ލިބުނު އެންމެންގެ މައްޗަށް ކުށް ސާބިތުވާ މިންވަރަށް ހެކި ލިބިފައިނުވާ ކަމަށް ގާޒީ ހުކުމް ކުރެއްވި އެވެ.