ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޮޑެތި މުސާރައިގައި މީހުން ނެގުމާއި ސަރުކާރުގެ އިދާރާތަކަށް ސިޔާސީ މީހުން އައްޔަން ކުރުން ހުއްޓާލަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ފަރާތުން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
އެމްޑީޕީގެ ފަރާތުން އެ މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން މައުރޫފު ވިދާޅުވީ، މި އަހަރުގެ ދައުލަތުގެ ބަޖެޓް ފައިނޭންސް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ ދައުލަތުގެ ރިކަރަންޓް ހަރަދު ކުޑަކުރުމަށްޓަކައި ސިޔާސީ މަގާމުތަކުގެ އަދަދު މަދުކޮށް، އަދި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަން މިދިޔަ މަހުގެ ފަހުކޮޅު ރައީސް އިއުލާން ކުރެއްވި ކަމަށެވެ.
އަދި ސިޔާސީ މަގާމުތަކުގެ އަދަދު 700 ގައި ހިފެހެއްޓުމަކީ މި ސަރުކާރުގެ ވައުދަކަށްވާއިރު އެ އަދަދު ގާތްގަނޑަކަށް 2000 އާ ގާތްކުރާނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މައުރޫފު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ވާޖިބު އަދާކުރުމަށްޓަކައި ބޭނުންވާ މީހުން އައްޔަން ކުރުމަކީ ގާނޫނުއަސާސީން ރައީސަށް ލިބިދީފައިވާ ބާރެއް ކަމަށެވެ. ނަމަވެސް އެ ބާރުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
”….މި ދަނޑިވަޅުގައި އެ ބާރުގެ ބޭނުން ނާޖާއިޒު ގޮތެއްގައި ހިފައި އެ މަނިކުފާނުގެ ވައުދުފުޅާ ހިލާފުވެ ސަރުކާރުން ދަނީ ހައްދެއް ނެތި ސަރުކާރުގެ ކުންފުނިތަކަށް މަސައްކަތާ އެކަށީގެންނުވާ ގިނަ އަދަދަކަށް، ބޮޑެތި މުސާރަ އާއެކު މުވައްޒަފުން އައްޔަންކޮށް ސަރުކާރުގެ އިދާރާތަކުގެ އެތަކެއް ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރަމުން،“ މައުރޫފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ވަޒީފާ އަދާކުރާ އެއްވެސް މުވައްޒަފަކު ވަކި ނުކުރާނެ ކަމަށް، ރިޔާސީ ކެމްޕެއިންގައި ރައީސް މުއިއްޒު ވެވަޑައިގެންނެވި ނަމަވެސް އެ ވައުދާ ހިލާފުވެ، ހަރަދު ކުޑަކުރުމުގެ ނަމުގައި މި ސަރުކާރުން ހިންގާ ޖަރީމާ އަމާޒުކުރަނީ އާދައިގެ ވަޒީފާ އަދާކުރަމުންދާ ދެރަ ނިކަމެތި އާދައިގެ ރައްޔިތު މީހާއަށް ކަމަށެވެ.
އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރު ހިއްސާވާ ކުންފުނިތަގެ އާދައިގެ މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރަމުންދާ އެތަކެއް މުވައްޒަފުން އެއްވެސް ހަމައެއް، އުސޫލެއް ނެތި، ވަކިކޮށް އެ މީހުންގެ އާއިލާތައް ބިކަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމުން، އެ މައްސަލައާމެދު ބަހުސް ކުރުމަށް ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި، އެ ވަގުތު ޖަލްސާގައި ތިއްބެވި 70 މެންބަރުންގެ ތެރެއިން، އެ މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 12 މެންބަރުން އެކަންޏެވެ.
އެ މައްސަލަ މަޖިލިސް ތަޅުމުން ބޭރުކޮށްލީ ޕީއެންސީގެ 57 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ގުޅުންހުރި
އިންނަމާދޫގައި 50 ހައުސިން ޔުނިޓާއި އޮޑިދޯނިފަހަރު ބަނުމުގެ ތަމްރީނުދޭ މަރުކަޒެއް ހަދަނީ
ރައީސް މުއިއްޒުވަރުގެ ރައްޔިތުންނަށް އޯގާތެރި ވެރިއަކު ނުލިބޭނެ: ފަލާހު
މަޑުއްވަރިއަށް އުފުލަންދޫ، މީދުއަށް ތާވަތާ ދޭން ރައީސް ނިންމަވައިފި
މަރާލަން ހަމަލާދިން މީހުންނާ ދެކޮޅަށް ޝަމީމު ހެކިބަސް ދެއްވައިފި
ފާލު ބަލައި ރޫހާނީ ފަރުވާދެމުންދިޔަ ގްރޫޕު އަތުލައިގެންފި
ބްރޯޑްކޮމްގެ ރައީސަކަށް ސަފާ އައްޔަންކޮށްފި