ފުރަތަމަ ހަ މަހު އެކަނިވެސް 143 މިލިއަން ރުފިޔާގެ ޑުރަގް އަތުލައިގަނެވިއްޖެ: ފުލުހުން

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 143 މިލިއަން ރުފިޔާގެ ޑުރަގް އަތުލައިގަނެވިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންނާއި ކަސްޓަމްސް ސާވިސް އިން އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ޑްރަގު އެންފޯސްމެންޓް ޑިޕާޓްމަންޓް (ޑީއީޑީ)ގެ ވެރިޔާ، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ނާހިދު ހުސެއިން ވިދާޅުވީ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 62 ކިލޯގެ ޑުރަގް އަތުލައިގަނެވިފައިވާ ކަމަށެވެ.

އެއީ އެވްރެޖުކޮށް ކޮންމެ މަހަކު 10 ކިލޯއަށްވުރެ ގިނަ އަދަދެއް ކަމަށްވެސް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ފުލުހުން ދެއްކި ޕްރެޒެންޓޭޝަނުން އެނގޭ ގޮތުގައި، މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި އަތުލައިގަނެވުނު ޑުރަގުގެ މަގުމަތީ އަގު 131 މިލިއަން ރުފިޔާއަށް އަރަ އެވެ.

އަދި އަތުލައިގަނެވުނު ބަނގުރަލުގެ މަގުމަތީ އަގު 12.4 މިލިއަން ރުފިޔާއަށް އަރާއިރު ޑުރަގާއި ބަނގުރަލާއި އެކި ކަހަލަ ޕާޓީ ޑުރަގުގެ އަގު 143 މިލިއަން ރުފިޔާއަށް އަރާ ކަމަށް ޕްރެޒެންޓޭޝަނުގައި ބުނެފައިވެ އެވެ.