އިންޑިއާއަކީ ރާއްޖޭގެ އެންމެ އެކުވެރި އެއް ގައުމު، ޒަމާންވީ ގުޅުން ވަރުގަދަ ކުރާނަން: ރައީސް

އިންޑިއާ އާއެކު އޮތް ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުން ވަރުގަދަކޮށް ދެމެއްހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން 28 ރަށެއްގައި ހިންގި ފެނާއި ނަރުޒަމާ ނިޒާމުގެ މަސައްކަތް ނިންމައި ހަވާލުކުރަން ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ވިދާޅުވީ، އިންޑިއާއަކީ އަބަދުވެސް ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންޖެހޭ ދަނޑިވަޅުތަކުގައި އަގުނުކުރެވޭނެހާ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ރާއްޖޭގެ އެންމެ ގާތް އެކުވެރި އެއް ގައުމު ކަމަށެވެ.

އަދި އިންޑިއާ އިން ރާއްޖެއަށް މެދުކެނޑުމެއްނެތި ލިބެމުންދާ އެހީތެރިކަމަށްޓަކައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އިންޑިއާ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ.

ރައީސްގެ ވާހަކަފުޅުގައި އިންޑިއާ އާއެކު އޮތް ޒަމާންވީ އެކުވެރި ގުޅުމަކީ އެއް ގައުމުން އަނެއް ގައުމަށް ކަމޭހިތުމުގެ މައްޗަށް ބިނާވެފައި އޮތް ބަދަހިވަމުންދާ އެކުވެރި ގުޅުމެއްކަން ފާހަގަކުރެއްވި އެވެ.

އަދި ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި އޮތް ތާރީހީ ގުޅުން އިތުރަށް ބަދަހިކޮށް، އާ އުސްމިންތަކަކަށް ވާސިލުވުމަށްޓަކައި ސަރުކާރުން ފުރިހަމައަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެ، ކުރިއަށް އޮތް އަހަރުތަކުގައިވެސް އިތުރަށް ބަދަހިވެގެންދިއުމަށް އުންމީދު ކުރައްވާ ކަމަށެވެ.