ސެޕްޓެމްބަރ 21, 2024

ކޮރަޕްޝަންގެ ތުހުމަތުވާ ޓެކްސް ޓްރައިބިއުނަލްގެ 4 މެންބަރުން ވަކިކުރަން މަޖިލީހުން ފާސްކޮށްފި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އާއި ނައިބު ރައީސް ހިމެނޭ ގޮތުން ހަތަރު މެންބަރަކު މަގާމުން ވަކިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ އަރުވަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު އޮންނަ ގޮތުން ޓްރައިބިއުނަލަށް މެމްބަރުން އައްޔަންކޮށް، ވަކި ކުރައްވާނީ ރައީސެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުން ވަކިކުރަން ހުށަހަޅާ މެންބަރުން:

1. ރައީސް މުހައްމަދު މުނައްވަރު އަލީ

2. ނައިބު ރައީސް ހުސައިން ޒައިދާން ޖަލީލް

3. މެންބަރު އަހުމަދު އަޝްރަފް

4. މެންބަރު ހަދީޖާ ނައީމް

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެންބަރުން ވަކިކުރަން ރައީސަށް ލަފާ ދޭން މަޖިލީހުން މިއަދު ފާސްކުރީ، އެ ހަތަރު މެންބަރުންނަށް ތުހުމަތުކޮށް ޓްރައިބިއުނަލްގެ ފަސް މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިސްމާއިލް ސާޖިދު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހެޅި މައްސަލައެއް ޖުޑިޝަރީ ކޮމިޓީން ބެލުމަށްފަހު އެވެ.

ނަމަވެސް އެ މައްސަލައާ ގުޅިގެން ކޮމިޓީން މައްސަލަ ބެލީ ބައްދަލުވުންތައް ސިއްރު ކޮށްގެންނެވެ. ކޮމިޓީން ވަނީ އެ މައްސަލަތަކާ ގުޅިގެން އެ ޓްރައިބިއުނަލްގެ ވަކިވަކި މެންބަރުންނާއި ރެޖިސްޓްރާ އަބްދުﷲ ހިލްމީއާއި ބައްދަލު ކުރައްވައި އަދި އެތަނަށް ކޮމެޓީގެ މެމްބަރުން ޒިޔާރަތްކޮށް، ހާލަތު ބައްލަވައިފަ އެވެ.

އެއަށްފަހު ޖުޑީޝަރީ ކޮމިޓީން ވަނީ ކޮމިޓީން ފާސްކޮށް ރެކޮމެންޑޭޝަންތަކެއް ހިމަނައި، ކަމާބެހޭ ރިޕޯޓެއް މަޖިލިސް ތަޅުމަށް ފޮނުވައިފަ އެވެ. އޭގެ ތެރޭގައި މައްސަލަ ހުށަހެޅި މެންބަރު ފިޔަވައި އަނެއް ހަތަރު މެންބަރުން ވަކިކުރުމުގެ އިތުރަށް ފާހަގަކުރި ކަންކަމަކީ:

  • ޓްރައިބިއުނަލް ބައެއް މެންބަރުންގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުން ކުރުމާއި ނުހައްގު މުއްސަނދިކަން ހޯދިކަމަށް ތުހުމަތު ކުރެވޭތީ، ތަހުގީގު ކުރުމަށް އޭސީސީއަށް ހުށަހެޅުން
  • ޓްރައިބިއުނަލް ހިންގާ އިމާރާތަކީ އެކަމަށް ބޭނުންވާވަރަށްވުރެ ބޮޑު އިމާރާތަކަށްވާތީ، ދައުލަތަށް މާލީ ބުރަ ކުޑަކުރަން ހުށަހެޅުން
  • ޓްރައިބިއުނަލްގެ މައްސަލަތަކުގެ ބެންޗާއި ބެންޗްގެ ރިޔާސަތު ކަނޑައެޅުމުގެ ބާރު ރައީސަށް ދީފައި އޮތް އޮތުން ބަދަލުކޮށް، ގަވައިދު އިސްލާހު ކުރުން

މަޖިލީހުގައި މިއަދު ނެގި ވޯޓުގައި، ޓެކްސް އެޕީލް ޓްރައިބިއުނަލްއާ ގުޅޭ ގޮތުން ޖުޑިޝަރީ ކޮމިޓީއިން ބެލި މައްސަލައިގައި، ކޮމެޓީން ނިންމި ގޮތަށް ޓްރައިބިއުނަލް ހަތަރު މެމްބަރަކު ވަކިކުރަން ރައީސަށް ލަފާ އަރުވަން 63 މެންބަރުން ވޯޓު ދެއްވި އެވެ. އެގޮތަށް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 10 މެންބަރުންނެވެ.