ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް މިއަދު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގެނައި ބަދަލަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސީދާ އަންގަވާފައި އޮތް ގޮތާ ހިލާފަށް ގެނައި ބަދަލެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ، ރާއްޖެ އިން ބޭރަށް ކިޔަވަން ގޮސް ހުރި ކުއްޖެއްގެ އެކައުންޓަށް ޑޮލަރު ނުދާނެ ގޮތެއް އަދި ބޭންކް ކާޑު ބޭނުންކޮށްގެން އޮންލައިން ވިޔަފާރި ކުރަމުންދާ އެތައް ބަޔަކަށް ޑޮލަރުގެ ލިމިޓެއް އޮތުމަކީ ރައީސަށް ގަބޫލުކުރެއްވޭ ކަމެއް ނޫން ކަމަށެވެ.
”ބީއެމްއެލް އިން މިއަދު އަމަލު އެ ކުރީ ސީދާ ރައީސް އެކަން އެގޮތަށް ނުކުރަން އަންގަވާފައިވާ އޮއްވައި،“ ސައީދު ވިދާޅުވި އެވެ.
އެކަމުގެ ތަފުސީލަށް ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވީ، ކޮވިޑަށްފަހު ދުނިޔޭގެ އިގުތިސާދަށް ބަދަލުތަކެއް އައި އިރު، އާންމު ދިރިއުޅުމުގެ ވައްޓަފާޅިއަށްވެސް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.
އެގޮތުން ރާއްޖެ އިން ޑޮލަރަށް ބަރޯސާވެފައި އޮތް މިންވަރު މިހާރު ބޮޑުތަނުން އިތުރުވެ، އެކަމުގެ ސަބަބުން ރާއްޖެ އިން ގިނަ އަދަދެއްގެ ޑޮލަރު ބޭރުވަމުންދާ ކަމަށާއި އެކަމުގެ ސަބަބުން ބީއެމްއެލްއަށް ދިމާވާ ގޮންޖެހުންތަކާއި ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރާއެކު ވަރަށް ގިނަ ފަހަރު މަޝްވަރާ ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
”ބީއެމްއެލް އަށް ސަޕޯޓް އެބަ ބޭނުންވޭ. އަޅުގަނޑުމެން ސެންޓްރަލް ބޭންކާއެކު މި ވާހަކަދައްކަނީ ކޮން ކަހަލަ ސަޕޯޓެއްތޯ ދެވޭނީ. މީގައި ހުރި ސޮލިއުޝަންތަކަކީ ކޮބައިތޯ؟ އެ ކޮށްދެވެން ހުރި ހުރިހާ ކަމެއް އަޅުގަނޑުމެން ފެސިލިޓޭޓް ކޮށްދޭނަމޭ އެ ކޮށްދޭއިރު ސެންޓްރަލް ބޭންކާއެކު އަޅުގަނޑުމެން މަޝްވަރާ ކުރަންޖެހޭ،“ ޝަފީގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރާއްޖެއަށް ލިބޭ ޑޮލަރު އިތުރު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ރާއްޖެއަށް ޑޮލަރުން އާމްދަނީ ލިބޭ ގޮތްތައް އިތުރުކުރެވޭތޯ މަސައްކަތް ކުރައްވާ ކަމަށާއި އެގޮތުން އެންމެ އަވަހަށް ޑޮލަރު އިތުރު ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ކެބިނެޓުގައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.




3 Comments
ގުޅުންހުރި
ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ގުރުއަތުނެގުން ކުރިޔަށް ދަނީ
މަރުވި ދެ ގައިދީންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވައިފި
ކާބޯތަކެތީގެ އަގު ބޮޑުނުވެ މިރޯދަމަހުވެސް ލިބޭނެ: ސަރުކާރު
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު
ހުއިފިލަނޑާތަކުގެ މައްސަލައިގައި ފުލުހަކު ސަސްޕެންޑުކޮށްފި
އިތުރުކުރާ ދެ ކެޓަގަރީއަށް ގޯތި ދޭން އަންނަ މަހު ހުޅުވާލަނީ