ސިންގަޕޫރުގައި ރައީސް އުޅުއްވާ މަންޒަރު ފެންނަ ފޮޓޯ ނެގި މީހާގެ މައްސަލަ ބަލަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުގެ ތެރެއިން ރައީސްގެ ދެކަނބަލުންގެ ފޮޓޯ ނެގި ކަމަށް ބުނާ ދިވެހި މީހާ، ރާއްޖެ އައުމުން އޭނާގެ ފޯނު ހިފަހެއްޓުމަށް ފަހު އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

ރައީސް މުއިއްޒު އެ މަނިކުފާނުގެ އާއިލާއާ މިދިޔަ ހަފްތާގައި ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ޝޮޕިން މޯލްއެއްގައި އުޅުއްވަނިކޮށް ނަގާފައިވާ ފޮޓޯއެއް ޝޯޝަލް މީޑިއާގައި ދައުރުކޮށްފައިވެ އެވެ. އެ ފޮޓޯއިން ފެންނަނީ ރައީސްގެ ދެކަނބަލުން ޕެރަގަން މޯލްގެ ތެރޭގައި އުޅުއްވާ މަންޒަރެވެ.

އެ ފޮޓޯ ނެގި ކަމަށް ތުހުމަތުވާ މީހާ ރާއްޖެ އައުމުން ފުލުހުން ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނު ހިފެހެއްޓި އެވެ. ފުލުހުން އެ މީހާގެ ފޯނު ހިފެހެއްޓީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން ރޭގެ ވަގުތެއްގަ އެވެ.

ފުލުހުން ބުނީ އެ މީހާގެ ފޯނު ހިފަހައްޓާފައި ވަނީ ރައީސްގެ ”ސެކިއުރިޓީ ކޮމްޕްރޮމައިޒްވާ ގޮތަށް އަމަލުކޮށްފައިވާ“ މައްސަލައަކާ ގުޅިގެން ކަމަށެވެ.

”މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރުމުން،“ ފުލުހުން ބުންޏެވެ.

ލީކްކޮށްފައިވާ އެ ފޮޓޯއިން ރައީސް އާއި ރައިސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ފެނެ އެވެ. އޭގެ އިތުރުން ރައީސްގެ ދަރިކަނބަލުން ވެސް އަރިހުގައި ހުރިތަން ފެނެ އެވެ. އަދި ރައީސްގެ ތިން ބޮޑީގާޑުން ވެސް ހަރަކާތްތެރިވާތަން އެ ފޮޓޯއިން ފެނެ އެވެ.