ނޮވެމްބަރ 21, 2024

މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހިންގުން ވެމްކޯއާ ހަވާލުކޮށްފި

މާލޭގައި އަލަށް ހެދި މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހިންގުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އާ ހަވާލުކޮށްފި އެވެ.

އަލަށް ހެދި ވޭސްޓް ޓްރާންސްފާ ސްޓޭޝަނަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ދިވެހި ސަރުކާރުން ހަރަދުކޮށްގެން ޒޯން 3 ގެ ސަރަޙައްދަށް އަމާޒުކޮށްގެން ހިންގަމުންދާ ގްރޭޓާ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން ހިންގި މަޝްރޫއެކެވެ.

އެ މަޝްރޫއުއަށް 184 މިލިއަން ރުފިޔާ ހަރަދުކުރި އިރު، އޭޑީބީ އިން ބަލަހައްޓަމުންދާ ”ޖަޕާން ފަންޑް ފޮ ޕްރޮސްޕެރަސް އެންޑް ރެސިލިއަންޓް އޭޝިއާ އެންޑް ދަ ޕެސިފިކް‘ އިން މަޝްރޫއުއަށް ދެ މިލިއަން ޑޮލަރުގެ ހިލޭ އެހީ އެއްވެސް ދިނެވެ.

ގަޑިއަކު 300 އުޅަނދަށް ހިދުމަތް ދެވޭ އެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހިންގުން ވެމްކޯއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތާރިޤް އިބްރާހީމެވެ. ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލެވެ.

ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗި މިދޮރީވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތާރިޤް ވިދާޅުވީ އެ ފެސިލިޓީ ވެގެންދާނީ މާލޭއަށް މިއަދު ދިމާވެފައިވާ ކުނި މެނޭޖުކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭނެ އަދި ޖާގަ ތަނަވަސް އެއްވެސް ދަތިކަމެއް ނެތި ހިދުމަތް ދެވޭނެ ފެންވަރުގެ ތަނަކަށް ކަމަށެވެ. އަދި ވެމްކޯގެ މަސައްކަތް ހަރުދަނާކޮށް ފެންވަރު މަތިކުރުމަށް ބޭނުންވާ އިތުރު ވަސީލަތްތައް ހޯދުމުގެ މަސައްކަތް ސަރުކާރާއި ގުޅިގެން ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.

އަލަށް ހެދި ވޭސްޓް ޓްރާންސްފާ ސްޓޭޝަންގައި ވެމްކޯގެ ވެހިކްލަތައް ޕާކްކުރުމަށް މަތީ ފަންގިފިލާގެ ރޫފް ޑެކް ހާއްސަކޮށްފައިވާއިރު، އެ އިމާރާތުގެ އެންމެ ތިރީ ފަންގިފިލާގައި ކުނި އުކާލުމުގެ އޮޕަރޭޝަނުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ހާއްސަ ޖާގައަކާއި ވެމްކޯގެ ވެހިކަލް މެއިންޓެނެންސް ގަރާޖެއްގެ އިތުރުން، ފްރަންޓް އޮފީހެއް ހަދާފައިވެ އެވެ.