ދައުވަތު ދީގެން ކޮޓަރިއަކަށް ގެންގޮސް، ރަހީނުކޮށް ފޭރިގަތީ ފޯނާއި ބައި ލައްކަ ރުފިޔާ

މާލޭގައި ދައުވަތު ދީގެން ފިރިހެނަކު ކޮޓަރިއަކަށް ގެންގޮސް، ރަހީނުކުރުމަށްފަހު ފޭރުނު މައްސަލައެއްގައި އަންހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި މިދިޔަ އޮގަސްޓް މަހުގެ 26 ވަނަ ދުވަހުގެ ރޭ 9:30 އެހާކަންހާއިރު އައިޖީއެމްއެޗް ކައިރިން ފިރިހެނަކު ހުއްޓުވައި އޭނާއަށް ކޮޓަރިއަކަށް ދިއުމަށް އަންހެނަކު ދައުވަތު ދިން ކަމަށެވެ.

އެ ދައުވަތު ގަބޫލުކޮށް މާފަންނު މުރަނގަ މަގުގައި ހުންނަ ގެސްޓް ހައުސް އަކަށް އެ ފިރިހެން މީހާ ދިޔަ ކަމަށް ބުންޏެވެ.

ފުލުހުން ބުނީ، އެ ފިރިހެން މީހާ އެ ކޮޓަރިއަށް ދިއުމުން އިތުރު ފިރިހެނަކާ ބައިވެރިވެގެން އެ މީހާ ރަހީނުކުރުމަށްފަހު އޭނާގެ ފޯނާއި ކޭޝް ކާޑު އަތުލައި އޭނާގެ އެކައުންޓުން 53،000 ރުފިޔާ ފޭރިގަނެފައިވާ ކަމަށެވެ.

އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ ސ. މަރަދޫ/ ކުންނާރުގެ، އާއިޝަތު މަލްޖާ މޫސާދީދީ، 27އ. ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.