ރާއްޖޭގެ ދެކުނަށް އޮންނަ ޗާގޯސް ޖަޒީރާގެ ރަށްތައް މޮރިޝަސްއާ އަނބުރާ ހަވާލުކުރަން އިނގިރޭސި ސަރުކާރުން މިއަދު ނިންމައި އެކަން އިއުލާންކޮށްފި އެވެ.
ޗާގޯސް ޖަޒީރީއަކީ އައްޑޫ ސިޓީގެ ދެކުނުން 400 އެއްހާ މޭލު ދުރުގައި އޮންނަ ޖަޒީރާއެކެވެ. އިނގިރޭސީން، ޗާގޯސް ޖަޒީރާ އިސްތިއުމާރުކޮށްގެން އުޅޭތާ 50 އަހަރު ފަހުން އެކަން ނިމުމަކަށް ގެންނަން އެއްބަސްވާކަން ހާމަކޮށްފައި ވަނީ އިނގިރޭސިވިލާތާއި މޮރިޝަސްގެ ބޮޑުވަޒީރުން ގުޅިގެން މިއަދު ނެރުއްވި ނޫސްބަޔާނެއްގަ އެވެ.
ނޫސްބަޔާނުގައި ބުނީ ޗާގޯސް ޖަޒީރާއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއްގެ ގޮތުގައި ބަލައިގަންނަން އެއްބަސްވީ އެ ޖަޒީރާގެ މިލްކުވެރިކަމާ މެދު އުފެދިފައިވާ މައްސަލަ ހައްލުކުރަން ދެ ގައުމުގެ ދެމެދުގައި ކުރިއަށް ގެންދިޔަ އަހަރެއްހާ ދުވަހުގެ މަޝްވަރާތަކަށް ފަހު ކަމަށެވެ. ނޫސްބަޔާނުގައިވާ ގޮތުން ޗާގޯސް އަނބުރާ މޮރިޝަސްއަށް ދެނީ އެމެރިކާގެ އަސްކަރީ މަރުކަޒެއް ގާއިމްކޮށްފައިވާ ޑިއެގޯ ގާސިއާ ނުވަތަ ފޯޅަވައްސާ ވެސް އެއްކޮށެވެ.
ފޯޅަވަހީގައި ހަދާފައިވާ އަސްކަރީ މަރުކަޒު މިހާރު ވެސް ބޭނުން ކުރަމުންދާ ގޮތަށް ބޭނުން ކުރުމުގެ ދެގައުމުގެ އިއުތިރާޒެއް ނެތް ކަމަށް ދެގައުމުން އެއްބަސްވެފައިވާ ކަމަށް ނޫސްބަޔާނުގައިވެ އެވެ. ފޯޅަވަހި ފިޔަވައި ޗާގޯސް ޖަޒީރާގެ އެހެން ރަށްތަކުގައި މީހުން ވަޒަންވެރިކުރުމުގެ ޕްރޮގްރާމުތައް ކުރިއަށް ގެންދެވޭނެ ކަމަށް އެ ނޫސްބަޔާނުގައިވެ އެވެ.
ޗާގޯސް މޮރިޝަސްގެ ތަނެއްގެ ގޮތުގައި ހަމަޖައްސާނީ ދެ ގައުމުގެ ދެމެދުގައި އެކުލަވާލާ ހާއްސަ މުއާހަދާއަކުން ކަމަށާއި އެ މުއާހަދާގައި ވީހާ ވެސް އަވަހަކަށް ދެ ގައުމުން ސޮއިކުރާނެ ކަމަށް ނޫސްބަޔާނުގައިވެ އެވެ.

1 Comment
ގުޅުންހުރި
ނޭޕާލްގެ ހާލަތު ގޯސްވެ، ދިވެހީން އެ ގައުމަށް ދަތުރު ނުކުރަން ސަރުކާރުން
ބިން ނުހިއްކަން ނިންމުމާ ގުޅިގެން ދޮންފަނު ރައްޔިތުން މުޒާހަރާ ކުރަނީ
ޑޮކްޓަރީ ބޭހާއި މެޑިކަލް އާލާތްތައް ގަނޑުކޮށް ގަނެ ރާއްޖެ ގެންނަން ކުންފުންޏެއް
ޒުވާނުން މުޒާހަރާއަށް ނުކުތުމުން ނޭޕާލުގެ މުސްކުޅި ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި
ރައްޔިތުން ބޭނުން ނުވާ ކަމެއް މި ސަރުކާރުން ނުކުރާނެ: ރައީސް
މީޑިއާ ބިލް ދިރާސާކުރާ ކޮމިޓީ ސިއްރުކޮށްފި