އޮކްޓޯބަރ 7, 2024

މަނާ ޖަނަވާރުތައް ނައްތައިލުމުގެ ހަރަދު ގެންނަ މީހުން އަތުން ނަގަނީ

ރާއްޖެއަށް އެތެރެކުރުން މަނާ އަދި ގަވާއިދާ ހިލާފަށް ރާއްޖެއަށް ގެންނަ ޖަނަވާރާއި ދިރޭ ތަކެތި ނައްތާލުމަށް ނުވަތަ އެހެން ތަނަކަށް އަނބުރާ ފޮނުވާލުމަށް ހިނގާ ހަރަދާއި އިންތިޒާމުތައް، އެ އެއްޗެއް އެތެރެކުރި ފަރާތްތަކުން ދޭން ޖެހޭ ގޮތަށް ގަވާއިދު ހަދައި އަމަލުކުރަން ފަށައިފި އެވެ.

އެންވަޔަރުމެންޓް މިނިސްޓްރީން ވަނީ ”ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނާ ހިލާފަށް ވިޔަފާރިކުރެވޭ ތަކެއްޗާއި ގެންގުޅޭ ތަކެތި ނެގުމާއި ނައްތައިލުމާ ގުޅޭ ގަވާއިދު“ އިސްލާހުތަކެއް ގެނެސް އިއްޔެ ގެޒެޓުކޮށް އަމަލުކުރަން ފަށައިފަ އެވެ.

އެ ގަވާއިދުގައި ކުރިން ބަޔާންކޮށްފައިވަނީ ވެރިފަރާތުން ޒިންމާވާން ޖެހެނީ އެހެން ގައުމަކަށް ފޮނުވާލުމުގެ ހަރަދަށް އެކަންޏެވެ.

ނަމަވެސް އެ މާއްދާއަށް ގެނައި އިސްލާހުގައި ވަނީ ގަވާއިދާ ހިލާފަށް ގެންނަ ދިރޭ ތަކެއްޗާ މެދު އަމަލުކުރުމަށް މެނޭޖްމަންޓް އޮތޯރިޓީން ނިންމާ ނިންމުމަކީ، އެ ދިރޭ އެއްޗެއް ގެނައި ގައުމަކަށް ނުވަތަ ރެސްކިއު ސެންޓަރަކަށް ނުވަތަ އެކަށީގެންވާ ފެސިލިޓީއަކަށް ފޮނުވައިލުން ކަމަށް ވާނަމަ ގަވާއިދާ ހިލާފަށް ދިރޭތަކެތި އެތެރެކުރާ ފަރާތުން އެ އިންތިޒާމުތައް (ބޭނުންވާ ލިޔެކިޔުމާއި، ހަރަދާއި، އެހެނިހެން)
އެ ދިރޭ އެއްޗެއް ނެގިތާ ހަތް ދުވަހުގެ ތެރޭގައި ހަމަޖައްސަން ޖެހޭނެ ކަމަށެވެ.

އެ ގަވާއިދަށް ދެން ގެނައި އިސްލާހުގައި ވަނީ ގަވާއިދާ ހިލާފަށް ގެންނަ ދިރޭ ތަކެއްޗާމެދު އަމަލުކުރުމަށް މެނޭޖްމަންޓް އޮތޯރިޓީން ނިންމާ ގޮތަކީ، އެ ދިރޭ އެއްޗެއް އިންސާނިއްޔަތުކަމާއެކު މަރައިލުން ކަމަށްވާނަމަ ނުވަތަ ގަވާއިދާ ހިލާފަށް ގެންނަ ދިރޭ އެއްޗެއްގެ ބައެއް ނުވަތަ އެއިން އެއްޗެއްގެ އުފެއްދުމަކާ މެދު އަމަލުކުރުމަށް މެނޭޖްމަންޓް އޮތޯރިޓީން ނިންމާ ގޮތަކ،ީ އެ ތަކެތި ނައްތައިލުން ކަމަށްވާ ނަމަ، އެ ހަރަދުތަކަށް ޒިންމާވާނީ އެ ތަކެތި އެތެރެކުރި ފަރާތުން ކަމަށެވެ.