ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅީ މި އަހަރަށް ލަފާކޮށް ނިމިދިޔަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި 49.8 ބިލިއަން ރުފިޔާގެ ބަޖެޓުން ދައުލަތުގެ ހަރަދުތައް ހަމަޖައްސަން ދަތިވާތީ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައިވެ އެވެ.
ސަޕްލިމެންޓްރީ ބަޖެޓު ދިރާސާކުރީ މާލިއްޔަތު ކޮމިޓީއާއި އިގްތިސޯދީ ކޮމިޓީގެ މެމްބަރުންގެ މައްޗަށް އެކުލެވޭ ބަޖެޓް ދިރާސާކުރާ ކޮމިޓީންނެވެ. ކޮމިޓީން އެ ބަޖެޓު ފާސްކޮށްފައިވަނީ ސަރުކާރުން ހުށައެޅިގޮތަށް އެއްވެސް އުނިއިތުރެއް ނުގެނަހެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ކޮމިޓީން ފާސްކުރި ގޮތަށް ބަޖެޓު ފާސްކޮށްފަ އެވެ.
ސަޕްލިމެންޓްރީ ބަޖެޓުގައި ޕީއެސްއައިޕީއަށް ދެ ބިލިއަން ރުފިޔާ، ސަބްސިޑީއަށް (ތެޔޮ، ކާޑު، ކަރަންޓާއި ނަރުދަމާ އާއި ފެނުގެ ހިދުމަތް) އެއް ބިލިއަން ރުފިޔާ، ކޮންޓިންޖެންސީ ބަޖެޓަށް 650 މިލިއަން ރުފިޔާ، ސްޓޫޑެންޑް ލޯނަށް 458 މިލިއަން ރުފިޔާ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 441 މިލިއަން ރުފިޔާ، އެންސްޕާއަށް 263 މިލިއަން ރުފިޔާގެ އިތުރުން މެޑިކަލް ކޮންޒިއުމަބަލްސަށް 200 މިލިއަން ރުފިޔާ އަދި މުސާރައަށް 24 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.
ބަޖެޓުގައި ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 640 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.
އެއީ، ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީން އިތުރު 61 މިލިއަން އަދި އެހެނިހެން އާމްދަނީގެ ގޮތުގައި 379 މިލިއަނާއި ހިލޭ އެހީގެ ގޮތުގައި 199 މިލިއަން ރުފިޔާ އެވެ.

ގުޅުންހުރި
މީޑިއާ ބިލު ފާސްކުރުމުން ހާމަވަނީ ރައްޔިތުންގެ ހައްގުތަކަށް ސަރުކާރުން އިހުތިރާމް ނުކުރާކަން:
ލަންކާގެ ނޫސްވެރިން ރާއްޖޭގެ ހައި ކޮމިޝަން ކުރިމަތީ މުޒާހަރާ ކުރަން ނިންމައިފި
މީޑިއާ ބިލު މަޖިލީހުން ފާސްކޮށްފި، ކަންވެ ނިމުނުއިރު ބިލާ ހަވާލުވީ ސަރުކާރުން!
މީޑިއާ ބިލު ފާސްކުރަން އުޅެނީ އާދަޔާހިލާފަށް އަވަހަށް، ކަންބޮޑުވޭ: ކުރީގެ ޕީޖީ
ރައީސުލްޖުމްހޫރިއްޔާގެ ދައުރު ދިގެއް ނުކުރާނެ، ނަމަވެސް މަޖިލީހުގެ ދައުރު ކުރުވެ އަޅުގަނޑު
ކުރީގެ ރައީސުންނަށް ދޭ އިނާޔަތް ކުޑަކުރަން ނަޝީދު ތާއީދު