އޮކްޓޯބަރ 30, 2024

މިސް ޔުނިވާސްގައި ރާއްޖެ ތަމްސީލުކުރާ ޝައިނާއަށް ޒަމްޒަމްގެ ފާޑުކިޔުން: އޭނާއަށް ހައްގީ ނަރަކަ

މެކްސިކޯގައި މި އަހަރު ބާއްވަން ހަމަޖެހިފައިވާ މިސް ޔުނިވާސް މުބާރާތުގައި ފުރަތަމަ ފަހަރަށް ރާއްޖެ ތަމްސީލު ކުރާ މަރިޔަމް ޝައިނާއަށް އެންމެ ހައްގީ ނަރަކަ ކަމަށް ދީނީ އިލްމުވެރިޔާ އަދި އަރަބިއްޔާ ސްކޫލުގެ ޓީޗަރެއް ކަމަށްވާ ޒަމްޒަމް ފާރިޝް ބުނެފި އެވެ.

ޒަމްޒަމް ފޭސްބުކްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ އަންހެނުން އަރުވައިގެން އޮރިޔާންވާ މުބާރާތަށް ކިޔަންވީ މިސް ޔުނިވާސް ނޫން ކަމަށާއި އެއަށް ކިޔަންވީ މިސް ޖަހަންނަމަ ކަމަށެވެ.

”އެއަށް އަރައި ބަރަހަނާވާ އަންހެނުންނަކީ ދުނިޔެވީ މަދު ފައިސާ ކޮޅަކަށްޓަކައި މުޅި ދުނިޔޭގައި އޮރިޔާން އާންމު ކުރަން އުޅޭ ފާސިދު ފާޖިރުންތަކެއް. އެފަދަ މީހުންނަށް އެންމެ އައުލާކަން ބޮޑީ ޖަހަންނަމަ،“ ޒަމްޒަމް ބުނެފައިވެ އެވެ.

މިސް ޔުނިވާސް މުބާރާތުގައި އިސްލާމީ އެހެން ގައުމުތަކުންވެސް ބައިވެރިވެ އެވެ. އޭގެ ތެރޭގައި ޕާކިސްތާން އަދި އިންޑަނޭޝިއާ ހިމެނެ އެވެ. އެ މުބާރާތުގައި ބުރުގާ އަޅައިގެން ވެސް ބައެއް މީހުން ބައިވެރިވެފައި އެބަ ހުއްޓެވެ.

މި އަހަރު މެކްސިކޯގައި ބާއްވަނީ މިސް ޔުނިވާސްގެ 73 ވަނަ މުބާރާތެވެ. މުބާރާތުގައި 126 މީހުން ބައިވެރިވާއިރު، މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހު އެވެ.

Leave a Reply