12 މީހުންގެ ގޭންގަކުން މީހަކު ރަހީނުކޮށްފި، ސަލާމަތް ކުރެވުނީ އިނގިލި ބުރިކުރަން އުޅެނިކޮށް

ހިޔާ ފްލެޓްގެ އެޕާޓްމަންޓެއްގެ ތެރޭގައި މީހަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި މީހުން ބިޑި އަޅުވާފައި ---

ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ފްލެޓުގެ އެޕާޓްމަންޓެއްގެ ތެރޭގައި މީހަކު ރަހީނުކޮށްގެން އުޅެނިކޮށް ފުލުހުން ގޮސް އޭނާ ސަލާމަތްކޮށްފި އެވެ.

އެ މީހާ ރަހީނުކޮށްގެން ގެންގުޅުނީ އެޗް9-20-11 ގައެވެ. ފުލުހުން ބުނާ ގޮތުން އެ ތަނަކީ ޑުރަގް ކެފޭއެއްގެ ގޮތުގައި ބޭނުން ކުރަމުންދާ ތަނެކެވެ.

ފުލުހުންގެ އޮފިޝަލަކު މީޑިއާތަކަށް ވިދާޅުވީ، އޭނާ ސަލާމަތް ކުރެވުނީ ގޭންގަކަށް ނިސްބަތްވާ ބަޔަކު މީހަކު ރަހީނުކޮށްގެން ހިޔާގެ ޓަވަރަކަށް ގެންދިޔަ ކަމަށް މިރޭ އަށެއް ޖަހާކަންހާއިރު ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

”މާ ގިނައިރުތަކެއް ނުވެ އެނގިއްޖެ އެޗް 9 ޓަވަރުގައިކަން ރަހީނުކޮށްފައި ހުރީ. ދެން މިކޮޅަށް އައިސް ގާތްގަނޑަކަށް10 ވަރަކަށް މިނެޓު ތެރޭގައި ތަންވެސް ލޮކޭޓް ކުރެވި އެ ތަނުގައި ބަޔަކު އުޅޭކަން ޔަގީންވުމުން ދޮރު ވައްޓާލާފައި ވަންއިރުގައި މީހާގެ ބޯވެސް ބާލާފައި. އެތަނަށް ވަން ފުލުހުންގެ ޓީމަށް އެ މީހާ ބުނި ކިރިޔާއޭ ސަލާމަތްވީ. އިނގިލިތައް ބުރިކޮށްލަން އުޅެނިކޮށޭ ފުލުހުންނަށް ވަދެވުނީ،“ އޮފިޝަލް ވިދާޅުވި އެވެ.

އެ އޮޕަރޭޝަންގައި ފުލުހުން ވަނީ އެ އެޕާޓްމަންޓު ތެރެއިން 12 މީހަކު ހައްޔަރުކޮށްފަ އެވެ. އަދި އެތަނުގައި ފުލުހުން އަދިވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.