ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، އެ މެންބަރަކު އިންތިހާބުވި ޕާޓީނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ހުށަހަޅައިފައިވާ އިސްލާހަކީ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އެ އިސްލާހު ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. އެ އިސްލާހުގައިވާ ގޮތުން މެންބަރަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެ ސިޔާސީ ޕާޓީއަކުން އަމިއްލަ އަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކި ކޮށްފި ނަމަ ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ އެ މީހަކު މަޖިލިހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ. އަދި މެންބަރަކު މިހާރު ތަމްސީލް ކުރާ ސިޔާސީ ޕާޓީން އަމިއްލަ އަށް ވަކިވެއްޖެ ނަމަ ނުވަތަ ވަކި ކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅުމުން ވެސް ގޮނޑި ގެއްލޭނެ އެވެ.
ފަހުމީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މެންބަރުންނަށް ޕާޓީ ބަދަލު ނުކުރެވޭގޮތަށް ގާނޫނު އަސާސީއަށް އިސްލާހެއްއް ހުށަހެޅުއްވިކަމަށްޓަކާ ސަރުކާރަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
”މިއީ އަޅުގަނޑުމެންގެ ޑިމޮކްރަސީ ހަރުދަނާކޮށް، މިހާރު އަމަލުކުރަމުންދާ އެންޓި ޑިފެކްޝަން ގާނޫނު އިތުރަށް ފުރިހަމަކޮށް، ޖަވާބުދާރީވުމާއި ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުމަށް އެޅުނު ތައުރީފު ހައްގު ފިޔަވަޅެއް. އިނގިރޭސިވިލާތާއި އެމެރިކާ ފަދަ ތަރައްގީވެފައިވާ ގައުމުތަކުގައި ގާއިމުވެފައިވާ ނިޒާމުތަކުން ފިލާވަޅު ލިބިގަނެ، މި ހުށަހެޅިފައިވާ އިސްލާހާށް އިސްކަންދެއްވައި، މި އިސްލާހު އަވަހަށް ފާސްކުރުމަށް ހުރިހާ މަޖިލިސް މެމްބަރުންނަށް އަޅުގަނޑު ގޮވާލަން.“ ފަހުމީ ވިދާޅުވި އެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅި އެ އިސްލާހުގެ ސަބަބުން ކޮރަޕްޝަނުން އެއްކިބާވެފައިވާ ޑިމޮކްރަސީއެއް އުފެއްދުމަށާއި ސިޔާސީ ހަމަޖެހުން އިތުރުކުރުމަށާއި ޝަރުއީ ދާއިރާގެ މިނިވަންކަން ވަރުގަދަކުރުމަށް ބާރު އެޅިގެންދާނެ ކަމަށް ފަހުމީ ވިދާޅުވި އެވެ. އިންތިހާބުވެފައިވާ މަންދޫބުން ދައުރުގެ ތެރޭގައި ޕާޓީ ބަދަލުކުރުމަކީ އާންމުންގެ އިތުބާރު ގެއްލި، ވެރިކަން ހިންގުމަށް ބުރޫއަރައި އަދި އާންމު އަހުލާގާއި ހިލާފު ގޯސް ކަންތައްތަކަށް މަގުފަހިކޮށްދޭނެ ކަމެއް ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.
މަޖިލީހަށް، ސަރުކާރުން ހުށަހެޅި އިސްލާހުގެ ސަބަބުން އެ އަމިއްލަ އެދުން އިސްކޮށް، ވަގުތީ މަންފާއަށް ޕާޓީ ބަދަލުކުރާ ކުރުން ހުއްޓިގެންދާނެ ކަމަށް ފަހުމީ ވިދާޅުވި އެވެ.
”ގާނޫނު ހަދާ މަރުޙަލާގައި ހާމަކަން ބޮޑުކަމާއި ޖަވާބުދާރީވުން ކުރިއެރުވުމުން، މި އިސްލާހުގެ ސަބަބުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެމީހުންގެ މެންޑޭޓާއި، އެމީހުން ހިދުމަތްކުރާ ރައްޔިތުންނަށް ވައުދުވީ ކަންކަން ކުރުމުގައި ދެމި ތިބޭނެކަން ކަށަވަރުކޮށްދީ، ސިޔާސީ މާހައުލު ހަމަޖައްސައިދޭނެ.“ ފަހުމީ ވިދާޅުވި އެވެ.
އަދި ވިދާޅުވީ އިސްލާހުގެ ސަބަބުން ޝަރުއީ ދާއިރާގެ މިނިވަންކަން ވަރަށް ބޮޑަށް ކަށަވަރުކުރެވި ދެފުށް ފެންނަ، ޒިންމާދާރު ގާނޫނު ހަދާ މަޖިލީހެއް ދެމި އޮތުމުގެ އިތުރުން ސިޔާސީ ނުފޫޒުން އެއްކިބާވެ، ގާނޫނުތައް ނެގެހެއްޓުމުގެ ފުރުސަތު ޝަރުއީ ދާއިރާއަށް ލިބިގެންދާނެ ކަމަށެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގައި ހަދާފައިވާ މިފަދަ ގާނޫނުތަކަކީވެސް ޒިންމާދާރު، ދެމެހެއްޓެނިވި، ހަމަޖެހޭ ޑިމޮކްރަސީއެއް ހިންގުމުގައި މުހިއްމު ދައުރެއް އަދާކުރާ އެއްޗެއް ކަމަށް ފަހުމީ ވިދާޅުވި އެވެ.
މިއީ ރާއްޖޭގެ ޑިމޮކްރެޓިކް އޮނިގަނޑު ހަރުދަނާކޮށް، ސިޔާސީ މުއައްސަސާތަކުގެ ނަޒާހަތްތެރިކަން ރައްކާތެރިކުރުމަށް ލިބުނު ތާރީހީ ފުރުސަތެއް ކަމަށް ފަހުމީ ވިދާޅުވި އެވެ.

ގުޅުންހުރި
އީދު ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމުތައް ހަމަޖެއްސި ފަރާތްތަކަށް ރައީސްގެ ޝުކުރު
ތުލުސްދޫގެ އާ އިންޖީނުގެއާއި ކަސްޓަމާ ސާވިސް އިމާރާތް ހަދަން ބަޔަކާ ހަވާލުކޮށްފި
ބޮޑު ޗުއްޓީއަކަށްފަހު އައިސް އެއް ޖަލްސާ ބޭއްވުމަށްފަހު މިއަދުގެ ޖަލްސާ ކެންސަލްކޮށްފި
ގަރާރުތަކަށް ބަހުސްކުރަން ފެނޭތޯ ބަހުސްކުރާ ގޮތަށް ގަވާއިދު ހެދުން މުހިންމު: ފަލާހު
އިޒްރޭލު ޕާސްޕޯޓް މަނާކުރުން ލަސްވާތީ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
މުސާރަ ކުޑަކޮށްފި ނަމަ ކެމްޕެއިނަށް ނެގި އެތައް މިލިއަނެއްގެ ދަރަނި އަދާނުކުރެވޭނެ:
އީދު ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމުތައް ހަމަޖެއްސި ފަރާތްތަކަށް ރައީސްގެ ޝުކުރު
ތުލުސްދޫގެ އާ އިންޖީނުގެއާއި ކަސްޓަމާ ސާވިސް އިމާރާތް ހަދަން ބަޔަކާ ހަވާލުކޮށްފި
ބޮޑު ޗުއްޓީއަކަށްފަހު އައިސް އެއް ޖަލްސާ ބޭއްވުމަށްފަހު މިއަދުގެ ޖަލްސާ ކެންސަލްކޮށްފި
ގަރާރުތަކަށް ބަހުސްކުރަން ފެނޭތޯ ބަހުސްކުރާ ގޮތަށް ގަވާއިދު ހެދުން މުހިންމު: ފަލާހު