ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބުވާ ޕާޓީ ބަދަލުކޮށްފި ނަމަ، އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިއަދުން މިއަދަށް ނިންމަން އަމާޒުކޮށްގެން ހުށަހެޅި އެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑް) އެވެ.
ޝާޑް ހުށަހެޅުއްވި އިސްލާހުގައި ވަނީ، ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކޮށްގެން އިންތިހާބުވުމަށް ފަހު، އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެ ސިޔާސީ ޕާޓީއަކުން އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ އެ މީހަކު މަޖިލިހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ.
މެންބަރަކު މިހާރު ތަމުސީލު ކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވެއްޖެ ނަމަ، ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅުމުން ވެސް ގޮނޑި ގެއްލޭނެ ކަމަށް ބިލުގައި ބުނެފައިވާއިރު، އަމިއްލަ ގޮތުން ވާދަކޮށްގެން މަޖިލީހަށް އިންތިހާބުވާ މެންބަރަކު ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގަތުމުން ވެސް މެންބަރުގެ ގޮނޑި ގެއްލޭނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.
އެ ބިލު ދިރާސާކުރި މުޅި މަޖިލީހުގެ ކޮމިޓީން އެ ބިލު ފާސްކުރީ ޖަލްސާގައި ތިއްބެވި 89 މެންބަރުންގެ ތެރެއިން 75 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އަދި މިއަދު ހަވީރު ބޭއްވި މަޖިލިސް ޖަލްސާގައި އެ ބިލު ފާސްކޮށްފައިވަނީ މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރި ގޮތަށް އިސްލާހު ތަކަކާއެކު އެވެ.
އެ ބިލު ފާސްކޮށްފައިވަނީ ވޯޓުގެ ބައިވެރިވި މެންބަރުންގެ ތެރެއިން 78 މެންބަރުން ބިލު ފާސްކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވައިގެންނެވެ. ބިލު ފާސްކުރުމާއި ދެކޮޅަށް ވޯޓު ދެއްވާފައިވަނީ އެމްޑީޕީގެ މެންބަރުންނެވެ.

1 Comment
ގުޅުންހުރި
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި 23 ބާވަތް އެސްޓީއޯ އިން ބާޒާރަށް
ދެ ކޮންޓެއިނަރު ސިނގިރޭޓު ”ގެއްލުން“: އާއްޓޭގެ ބަންދަށް 15، ދިގަލީގެ ބަންދަށް
އެމްއޭސީއެލް އިންވެސް ރަސްމާލެ ހިއްކަން ފަށަނީ, މިއީ އެތަން ހިއްކަން ހަވާލުވާ
ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ 5 މީހަކާއި ބިދޭސީން ރެކްރޫޓްކުރާ
މައުންޓް ލެވޮޓޮބީ ލަކި-ލަކި އަނެއްކާވެސް ގޮވައިފި, އަޅިތައް 10 ކިލޯމީޓަރު އުހަށް
ދަތުރު ކުރަމުންދިޔަ ބަހެއްގައި ރޯވެ 20 މީހަކު ފިހިގެން މަރުވެއްޖެ