ރައީސް އޮފީހަށް ބަޖެޓުގައި ޖެހި 204 މިލިއަން ހުސްވެ އިތުރަށް 10 މިލިއަން ހަރަދުކޮށްފި

ރައީސް އޮފީސް ---

މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި ރައީސް އޮފީހަށް ކަނޑައެޅި އަދަދު ހަމަވެ، އިތުރަށް 10 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މި އަހަރަށް ފާސްކުރި ބަޖެޓުގައި ރައީސް އޮފީހަށް ކަނޑައަޅާފައި އޮތީ 204.6 މިލިއަން ރުފިޔާ އެވެ.

ނަމަވެސް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ އާމްދަނީ އާއި ހަރަދުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ރައީސް އޮފީހަށް ވަނީ 214.7 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އެއީ 10.1 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މިދިޔަ އަހަރުގެ އެ މުއްދަތުގައި ރައީސް އޮފީހަށް ހަރަދުކޮށްފައިވަނީ 180.7 މިލިއަން ރުފިޔާ އެވެ. އެއީ މި އަހަރާ އަޅާބަލާއިރު 34 މިލިއަން އިތުރު އަދަދެކެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު އެ އޮފީހުގައި އޮގަސްޓް 6، އާ ހަމައަށް 345 މުވައްޒަފުން ތިއްބެވެ. އެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ދިނުމަށް މަހެއްގެ މައްޗަށް ޖުމްލަ 8،263،465ރ. ހަރަދުވެ އެވެ.

އެއީ، އަހަރެއްގެ މައްޗަށް ބަލާނަމަ، 99 މިލިއަން ރުފިޔާ އެވެ. ފަސް އަހަރަށް ހިސާބުކުރާ ނަމަ 495 މިލިއަން ރުފިޔާ އެވެ..