ހިޔާ ފްލެޓުގައި މީހަކު ރަހީނުކުރުން: ދައުވާކުރަން ފޮނުވި އިރު، ބަންދުގައި ތިބި އެންމެން ދޫކޮށްލައިފި

ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ފްލެޓުގެ އެޕާޓްމަންޓެއްގެ ތެރޭގައި މީހަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި އެންމެން ކޯޓުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އެޗް9-20-11 ގައި މީހަކު ރަހީނުކޮށް، ބޯ ބާލައި، އިނގިލިތައް ބުރިކޮށްލަން އުޅެނިކޮށް ސަލާމަތްކުރީ މިދިޔަ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހު އެވެ. ފުލުހުން ބުނާ ގޮތުން އެ ތަނަކީ ޑުރަގް ކެފޭއެއްގެ ގޮތުގައި ބޭނުން ކުރަމުންދާ ތަނެކެވެ.

ފުލުހުން ބުނީ، އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް 21 ޑިސެމްބަރު 2024 ގައި ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް މައްސަލައާ ގުޅިގެން ބަންދުގައި ތިބި މީހުން ކޯޓުން ދޫކޮށްލާފައިވާ ކަމަށް ބުންޏެވެ.

އެ މައްސަލައިގައި 12 މީހަކު ހައްޔަރުކުރި އިރު، އެ އެންމެންނަކީވެސް ގޭންގަކަށް ނިސްބަތްވާ ބައެއް ކަމަށް ފުލުހުން ބުނެ އެވެ.

އެ މައްސަލައިގައި ހައްޔަރުކުރި 12 މީހުންނަކީ:

  • ލ. އިސްދޫ/ ހިޔަލީގުލްޝަން، އިބްރާހިމް ނަޝީދު (34އ)
  • ލ. މާވަށް/ ޖަމީލާމަންޒިލް، އާދަމް ހުސެއިން (48އ)
  • ށ. ފޯކައިދޫ/ ދަންމަރު، އަހުމަދު ޒާހިދު (36އ)
  • ކ. ގުރައިދޫ/ ޒުނައިޓްވިލާ، އިޒާން އަހުމަދު (18އ)
  • މ. ހަތިކަނޑު/ މުހައްމަދު އިޒްކާން (18އ)
  • ގދ. ވާދޫ/ ވެހި، އަލްމާން އަލީ ހާލިދު (22އ)
  • ބ. ގޮއިދޫ/ ނައިޓްސްޓާ، އަހުމަދު ސަމީހު (22އ)
  • ވ. ގާމާ/ އިސްމާއިލް ވިސާމް މުހައްމަދު (29އ)
  • ގދ. ވާދޫ/ ޗިޗަންޑާގެ، ވިޝާމް މުހައްމަދު (23އ)
  • ހުޅުމާލެ ހިޔާ 14-17-03، ވިސާން މުހައްމަދު (30އ)
  • ގދ. ވާދޫ/ ޖަނަވަރީގެ، މުޝްތާގު ޝާކިރު (37އ)
  • މ. ކޮޅުފުށި/ ހަސަން ގާލިބު (38އ)