މި އަހަރަކީ ރައްޔިތުންނަށް މުއްސަނދިކަން އިހުސާސް ކޮށްދޭނެ އަހަރު: ރައީސް

މި އަހަރަކީ ރައްޔިތުންނަށް ވަރަށް ފުޅާކޮށް އަދި ވަރަށް ބާރަށް މުއްސަނދިކަން އިހުސާސް ކޮށްދޭނެ އަހަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކ. ގުޅިއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި އަހަރަކީ އެކި ދާއިރާތަކުން ތަރައްގީގެ މަސައްކަތްތައް އަމަލީ ގޮތުން ކުރިއަށް ގެންދާނެ އަހަރު ކަމަށާއި އޭގެ ތެރެއިންވެސް ގެދޮވެރިކަމުގެ ދާއިރާއަށް ހާއްސަ ކަމެއް ދެއްވާނެ ކަމަށެވެ.

”ތަރައްގީގެ އަމަލީ މަސައްކަތާއި މުއްސަނދިކަން ރައްޔިތުންނަށް އިހުސާސް ކޮށްދިނުމުގެ އަމަލީ މަސައްކަތްތައް ވަރަށް ފުޅާ ދާއިރާއެއްގައި ވަރަށް ބާރަށް ހިނގާނެ އަހަރެއް މި އަހަރަކީ،“ ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވަނީ މި އަހަރަކީ ބޯހިޔާވަހިކަމުގެ އަހަރަކަށް ހައްދަވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އެގޮތުން ރަށްރަށުގައި ކުރިއަށް ގެންދިއުމަށް އެ މަނިކުފާނު ވައުދުވެވަޑައިގެން މެނިފެސްޓޯގައި ކަނޑައަޅާފައި ހުރި ހުރިހާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން މި މަހުގެ ތެރޭގައި ކޮންޓްރެކްޓަރުން ހޯދަން އިއުލާން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެ މަނިކުފާނަށް އެންމެ މުހިންމީ ރައްޔިތުންގެ ދުޅަހެޔޮކަމާއި ރައްޔިތުންގެ ތެރޭގައި ހުރި ބޮޑެތި މައްސަލަތަކަށް ދާއިމީ ހައްލު އަންނަ ގޮތަށް ތަރައްގީގެ ކަންކަން ބައްޓަން ކުރުން ކަމަށެވެ.