ބޮޑު ހިލަ ނުލިބިގެން މަސައްކަތް ހުއްޓިފައިވާ ރަށްރަށަށް ބޭނުންވާ ބޮޑު ހިލަ ބަލްކްކޮށް ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މިހާރު ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގދ. ރަތަފަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ގިނަ ރަށްތަކުގެ ގިރާ ސަރަހައްދު ހިމާޔަތްކުރަން ކުރިއަށްގެންދާ މަޝްރޫއުތައް ކުރިއަށް ގެންދަން މެދުވެރިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަމަށް ބޭނުންވާ ބޮޑުހިލަ އާއި އެހެނިހެން ސާމާނު ނުލިބުން ކަމަށެވެ.
”އެމްޓީސީސީއާ ހަވާލުކުރެވިގެން ފެށިފައި އޮތް ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއު މެޓީރިއަލްގެ ތާށިކަމާ ހެދި ފައިސާގެ ތާށިކަމާ ހެދި މަޑުޖެހިފައި އެ ހުރީ. މިގޮތަށް އެބަހުރި އެހެން ރަށްތަކުގައި ވެސް މަސައްކަތް މަޑުޖެހިފައި. އަޅުގަނޑުމެން ބޭނުންވަނީ މިހެން މަސައްކަތް ހުއްޓިފައި ހުރި ހުރިހާ ރަށަކަށް ބޭނުންވާ ތަކެތި ހަމަކުރަން، ބޮޑުހިލަ އެންމެ ބޮޑަށް. އެންމެ ގިނަ ރަށްތަކުގެ މަސައްކަތް ހުއްޓިފައި އޮތް ސަބަބަކީ ބޮޑުހިލަ ނުލިބުން،“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ބޮޑުހިލަ ނެތިގެން ރަށްރަށުގައި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ އިތުރަށް، ބަނދަރު ހެދުމާއި ބިން ހިއްކުން ފަދަ މަޝްރޫއުތަކަށް ހުރަސްއެޅި މަޑުޖެހިފައިވެ އެވެ. އެހެންކަމުން އެ މައްސަލަތައް ހައްލުކުރާނެ ގޮތްތަކެއް ސަރުކާރުން މިހާރު ތަރުތީބުކޮށްފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅުގައި ހުވަދުއަތޮޅު ދެކުނުބުރީގެ ފަސް ރަށަކަށާއި، ހުވަދުއަތޮޅު އުތުރުބުރީގެ ހަތަރު ރަށަކަށް ރައީސް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ހުވަދުއަތޮޅު ދެކުނުބުރިން އެމަނިކުފާނު އިއްޔެ ވަނީ ހޯނޑެއްދޫ، ނަޑެއްލާ، ވާދޫ، ފިޔޯރީއަށް ވަޑައިގެންފައެވެ. ހުވަދުއަތޮޅު އުތުރުބުރީން އެ މަނިކުފާނުގެ މި ދަތުރުފުޅުގައި ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ ކަނޑުހުޅުދޫ، ނިލަންދޫ، މާމެންދޫ އަދި ދެއްވަދޫއަށެވެ.


1 Comment
ގުޅުންހުރި
އިދާރާތަކުގެ ވެރިންނާއި މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރެވެން ނެތް ކަމަށް ނިންމައިފި
އިތުރު ހަތަރު ގައުމަކަށް ނޮން ރެސިޑެންޓް ސަފީރުން އައްޔަންކުރަން ރުހުން ހޯދަނީ
ރަސްފަންނާއި ސަލްޓަން ޕާކުގެ މަރާމާތު މަސައްކަތް ފަށަން ވަނީ ތައްޔާރުވެފަ: ކައުންސިލް
އޭސީސީގެ ނައިބަކަށް ފޮނުއްވި ނަން ރައީސް ބަދަލުކުރައްވައިފި
ރައީސް މުއިއްޒުގެ، ނަމުގައި ކްރިޕްޓޯ ސްކޭމެއް ހިންގަނީ
އައްޑޫއާއި ހަނިމާދޫ އެއާޕޯޓު މިއަހަރު ހުޅުވައި 14 އެއާޕޯޓެއްގެ މަސައްކަތް މިއަހަރު