ބޮޑު ހިލަ ނުލިބިގެން މަސައްކަތް ހުއްޓިފައިވާ ރަށްރަށަށް ބޭނުންވާ ބޮޑު ހިލަ ބަލްކްކޮށް ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މިހާރު ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގދ. ރަތަފަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ގިނަ ރަށްތަކުގެ ގިރާ ސަރަހައްދު ހިމާޔަތްކުރަން ކުރިއަށްގެންދާ މަޝްރޫއުތައް ކުރިއަށް ގެންދަން މެދުވެރިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަމަށް ބޭނުންވާ ބޮޑުހިލަ އާއި އެހެނިހެން ސާމާނު ނުލިބުން ކަމަށެވެ.
”އެމްޓީސީސީއާ ހަވާލުކުރެވިގެން ފެށިފައި އޮތް ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއު މެޓީރިއަލްގެ ތާށިކަމާ ހެދި ފައިސާގެ ތާށިކަމާ ހެދި މަޑުޖެހިފައި އެ ހުރީ. މިގޮތަށް އެބަހުރި އެހެން ރަށްތަކުގައި ވެސް މަސައްކަތް މަޑުޖެހިފައި. އަޅުގަނޑުމެން ބޭނުންވަނީ މިހެން މަސައްކަތް ހުއްޓިފައި ހުރި ހުރިހާ ރަށަކަށް ބޭނުންވާ ތަކެތި ހަމަކުރަން، ބޮޑުހިލަ އެންމެ ބޮޑަށް. އެންމެ ގިނަ ރަށްތަކުގެ މަސައްކަތް ހުއްޓިފައި އޮތް ސަބަބަކީ ބޮޑުހިލަ ނުލިބުން،“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ބޮޑުހިލަ ނެތިގެން ރަށްރަށުގައި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ އިތުރަށް، ބަނދަރު ހެދުމާއި ބިން ހިއްކުން ފަދަ މަޝްރޫއުތަކަށް ހުރަސްއެޅި މަޑުޖެހިފައިވެ އެވެ. އެހެންކަމުން އެ މައްސަލަތައް ހައްލުކުރާނެ ގޮތްތަކެއް ސަރުކާރުން މިހާރު ތަރުތީބުކޮށްފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅުގައި ހުވަދުއަތޮޅު ދެކުނުބުރީގެ ފަސް ރަށަކަށާއި، ހުވަދުއަތޮޅު އުތުރުބުރީގެ ހަތަރު ރަށަކަށް ރައީސް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ހުވަދުއަތޮޅު ދެކުނުބުރިން އެމަނިކުފާނު އިއްޔެ ވަނީ ހޯނޑެއްދޫ، ނަޑެއްލާ، ވާދޫ، ފިޔޯރީއަށް ވަޑައިގެންފައެވެ. ހުވަދުއަތޮޅު އުތުރުބުރީން އެ މަނިކުފާނުގެ މި ދަތުރުފުޅުގައި ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ ކަނޑުހުޅުދޫ، ނިލަންދޫ، މާމެންދޫ އަދި ދެއްވަދޫއަށެވެ.

1 Comment
ގުޅުންހުރި
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ, ފިނޭންސްގެ ދަށަށް
އުވާލުމަށްފަހު އުވާނުލާ ކަމަށް ބުނި އެގްރޯ ނެޓް ބަލަހައްޓަން އެގްރިކަލްޗާ މިނިސްޓްރީއަށް
މި ރޯދަ މަހުގެ ފަހު 10 ވެސް ސަރުކާރު ބަންދުވާނެ
ސަރުކާރުގައި އަންހެނުންގެ ހިއްސާ އިތުރުކޮށް ބާރުވެރި ކުރުވުމަކީ އެންމެ އިސް އެއް
ރައްޔިތުންގެ މަޖިލީހަކީ މިހާރު ”ދިމްޔާތު މަޖިލިސް“: ޔާމީން
މިނިވަން މުއައްސަސާތަކުގެ ގާނޫނީ ޒިންމާ އަދާކުރުމުގެ ފުރުސަތު ރައީސް ވަނީ ދެއްވައިފައި: