ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށްގެންދިޔަ ”ގެދޮރުވެރިޔާ“ ސްކީމުގެ ދަށުން ފުލެޓް ލިބުނު މީހުންގެ ލިސްޓު އަލުން ވެރިފައިކުރަން ނިންމައިފައިވާ ކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ހައުސިން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ ޖޫން 26، 2022 ގައި އިއުލާން ކުރި ސްކީމުގެ ތެރެއިން ދެ ކޮޓަރީގެ އެޕާޓްމަންޓުތަކަށް 6،000 މީހުން އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް 14،000 މީހުން ކުރިމަތިލާފައިވާ ކަމަށެވެ.
”އަޅުގަނޑުމެން މިހާރު ނިންމާފައިވާނީ ފްލެޓަށް އެދިފައިވާ ފޯމު ލައިފައިވާ ހުރިހާ ފަރާތްތައް އަލުން އިވެލުއޭޓް ކުރުމުގެ ބަދަލުގައި 15 ނޮވެމްބަރު 2023 ގައި ގެޒެޓްކޮށްފައިވާ ލިސްޓް ވެރިފިކޭޝަން ޕްރޮސެސްއެއް ކުރިއަށް ގެންދިއުމަށް،“ މުއްތަލިބް ވިދާޅުވި އެވެ.
މި ޕްރޮސެސް ކުރިއަށް ގެންދިއުމުގައި އޭރު އެޕްލިކޭޝަން ހުށަހެޅި ޕޯޓަލްގައިވާ އިރުޝާދުތަކަށް ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާކަން ސާބިތުކުރަން ހުށަހެޅިދާނެ ކަމަށް ޕޯޓަލްގައިވާ ލިޔުންތަކަކީ ފޯމުތައް އިވެލުއޭޓްކުރުމުގައި ބަލާނެ ލިޔުންތައް ކަމަށް ވިދާޅުވި އެވެ.
މީގެ ތެރޭގައި ފާއިތުވި މާލޭގައި ވަޒީފާ އަދާކުރިކަމުގެ ލިޔުންތަކާއި މާލޭގައި ކިޔެވިކަމުގެ ލިޔުންތައް ހިމެނުނު ނަމަވެސް ފްލެޓަށް އެދުނު ބައެއް މީހުން އެ މިންގަނޑަށް ނުފެތޭ ލިޔުންތައްވެސް ހުށަހަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
”އެފަދަ ލިޔުންތައް ބަލައިގަންނަން ނުފެންނަ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުންވެސް ވަނީ ލަފާ ދީފަ،“ މުއްތަލިބް ވިދާޅުވި އެވެ.
މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި ގޮތަށް މުއްތަލިބް ވެސް ވަނީ ވެރިފިކޭޝަން އަށް ފަހު ފައިނަލް ލިސްޓެއް ރޯދައިގެ ކުރިން ނެރޭނެ ކަމުގެ ޔަގީން ކަން ދެއްވައިފަ އެވެ. އަދި ވެރިފައި ކުރާ ލިސްޓު އާންމު ކުރުމަށް ފަހު އާންމުންނަށް ޝަކުވާ ހުށަހަޅަން ވެސް ފުރުސަތު ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

7 Comments
ގުޅުންހުރި
ޑުރަގް ބޭނުންކޮށް އެ ވިއްކާކަމުގެ ތުހުމަތުގައި 62 އަހަރުގެ މީހަކު ހައްޔަރުކޮށްފި
ނަޝީދު ރާއްޖޭގައި، ފައްޔާޒާއި ޑިމޮކްރެޓްސްގެ ކުރި އާއި މިހާރުގެ ވެރިންނާ ބައްދަލުކުރައްވައިފި
އިޒްރޭލަށް ޖާސޫސު ކޮށްދިން މީހަކަށް އީރާނުން މަރުގެ އަދަބު ދީފި
އެމްޑަބްލިޔުއެސްސީން ވާދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ނިންމާލައިފި
ގިނަ އަދަދެއްގެ ފުލުހުން އުޅޭ ޖެމްކިއު ސްކީމް ހިންގާ ޕްރޮމޯޓްކުރާ މީހުން
އެމްޑަބްލިޔުއެސްސީން ފިޔޯރީގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ނިންމާލައިފި