އުސޫލުން ބޭރުން ދީފައިވާ ފުލެޓުތަކާއި ގޯތިތަށް އަތުލާނަން: މުއްތަލިބު

އުސޫލުން ބޭރުން ފުލެޓާއި ގޯތި ލިބިފައިވާ ފަރާތްތަކުން ގޯއްޗާއި ފުލެޓް އަތުލާނެ ކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއްތަލިބު ވިދާޅުވީ އުސޫލުން ބޭރުން އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށެވެ.

ފްލެޓް ދޭނެ ކަމަށް ބުނެ، ނުވަތަ ގޯތި ދޭނެ ކަމަށް ބުނެ، އެކިއެކި މީހުންގެ އަތުން ފައިސާ ނަގާ ފަރާތްތައް އުޅޭ ކަމަށާއި ނަމަވެސް އެ ފަދަ މީހުންނަށް ފައިސާ ދިނުމަށް ފަހު، ގޯއްޗާއި ފްލެޓް ލިބޭނެ ކަމަށް އުންމީދު ކޮށްގެން ނުވާނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

މުއްތަލިބް ވިދާޅުވީ ޖޫން 26، 2022 ގައި އިއުލާން ކުރި ސްކީމުގެ ތެރެއިން ދެ ކޮޓަރީގެ އެޕާޓްމަންޓުތަކަށް 6،000 މީހުން އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް 14،000 މީހުން ކުރިމަތިލާފައިވާ ކަމަށެވެ.

”އަޅުގަނޑުމެން މިހާރު ނިންމާފައިވާނީ ފްލެޓަށް އެދިފައިވާ ފޯމު ލައިފައިވާ ހުރިހާ ފަރާތްތައް އަލުން އިވެލުއޭޓް ކުރުމުގެ ބަދަލުގައި 15 ނޮވެމްބަރު 2023 ގައި ގެޒެޓްކޮށްފައިވާ ލިސްޓް ވެރިފިކޭޝަން ޕްރޮސެސްއެއް ކުރިއަށް ގެންދިއުމަށް،“ މުއްތަލިބް ވިދާޅުވި އެވެ.

މި ޕްރޮސެސް ކުރިއަށް ގެންދިއުމުގައި އޭރު އެޕްލިކޭޝަން ހުށަހެޅި ޕޯޓަލްގައިވާ އިރުޝާދުތަކަށް ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާކަން ސާބިތުކުރަން ހުށަހެޅިދާނެ ކަމަށް ޕޯޓަލްގައިވާ ލިޔުންތަކަކީ ފޯމުތައް

އިވެލުއޭޓްކުރުމުގައި ބަލާނެ ލިޔުންތައް ކަމަށް ވިދާޅުވި އެވެ.

މީގެ ތެރޭގައި ފާއިތުވި މާލޭގައި ވަޒީފާ އަދާކުރިކަމުގެ ލިޔުންތަކާއި މާލޭގައި ކިޔެވިކަމުގެ ލިޔުންތައް ހިމެނުނު ނަމަވެސް ފްލެޓަށް އެދުނު ބައެއް މީހުން އެ މިންގަނޑަށް ނުފެތޭ ލިޔުންތައްވެސް ހުށަހަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

”އެފަދަ ލިޔުންތައް ބަލައިގަންނަން ނުފެންނަ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުންވެސް ވަނީ ލަފާ ދީފަ،“ މުއްތަލިބް ވިދާޅުވި އެވެ.

މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި ގޮތަށް މުއްތަލިބް ވެސް ވަނީ ވެރިފިކޭޝަން އަށް ފަހު ފައިނަލް ލިސްޓެއް ރޯދައިގެ ކުރިން ނެރޭނެ ކަމުގެ ޔަގީން ކަން ދެއްވައިފަ އެވެ. އަދި ވެރިފައި ކުރާ ލިސްޓު އާންމު ކުރުމަށް ފަހު އާންމުންނަށް ޝަކުވާ ހުށަހަޅަން ވެސް ފުރުސަތު ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.