ރ. ވާދޫ މުޅިން އިޔާދަކުރަނިވި ހަކަތަ ބޭނުން ކުރާ ރަށަކަށް ހަދަން ބޭނުންވާ ކަމަށާއި ނަމަވެސް އެއީ ވައުދެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ރ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ފުރަތަމަ މަންޒިލެއްގެ ގޮތުގައި ވާދު އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ވާދޫގެ ރައްޔިތުން ބޭނުންވާނަމަ ހަމައެކަނި އިޔާދަކުރަނިވި ހަކަތައިން ހިންްގާ ރަށަކަށް ރަށް ބަދަލު ކުރެވިދާނެ ކަމަށެވެ.
”އަޅުގަނޑަށް ޔަގީން ރަށުގެ ރައްޔިތުން އެ ވިސްނުންފުޅުގައި ތިއެބެވި ކަމަށްވަންޏާ އަޅުގަނޑުމެންނަށް ސަރުކާރާއި ރައްޔިތުންނާ ގުޅިގެން މި ރަށުގެ ގެތަކާއި ހިދުމަތް ދޭ މަރުކަޒުތަކާއި ހުރިހާ ތަނަކީ އިޔާދަކުރަނިވި ހަކަތައިން ރަން ކުރާ ރަށަކަށް ހެދިދާނެ،“ ރައީސް ވިދާޅުވި އެވެ.
”އަޅުގަނޑު ހަމަ އެކަން ކުރަން ގަސްތުކުރާ ވާހަކަ. އެހެންނަމަވެސް ވައުދެއް ނޫން. ރައްޔިތުން ބޭނުންފުޅު ވެލައްވަންޏާ އަޅުގަނޑު ދެކެން ބޭނުންވަނީ ކުރިއަށް އޮތް ހަތަރު އަހަރު ތެރޭ ނިމިގެންދާއިރުގައި މި ރަށް މިއީ މޮޑެލް ރަށަކަށް ހެދުން. މުޅި ރަށް އެއްކޮށް އިޔާދަކުރަނިވި ހަކަތައިން ބޭނުން ކުރާ ރަށަކަށް ހެދުން.“
ރައީސް ވިދާޅުވީ ވާދޫގެ މީހުންނަކީ އަމިއްލަ އިސްނެގުމުގައި ރަށުގައި އިޔާދަކުރަނިވި ހަކަތައިގެ ދަށުން ވަރަށް ގިނަ މަސައްކަތްތައް ކުރަމުންދާ ބައެއް ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ މި ދައުރު ނިމޭއިރަށް ރާއްޖޭގެ ކަރަންޓު ހިދުމަތް ދިނުމަށް އިޔާދަކުރަނިވި ހަކަތަ ބޭނުން ކޮށްގެން ތިން ބައިކުޅަ އެއްބަޔަށް ހިދުމަތް ދިނުމަކީ މި ސަރުކާރުގެ އަމާޒު ކަމަށެވެ.
”އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެން ގައުމީ ފެންވަރެއްގައި ކަނޑައަޅާފައި އޮތް އަމާޒު. އެއީ 2028 ވަނަ އަހަރު އަންނަ އިރަށް މުޅި ރާއްޖޭގައި ކަރަންޓުގެ ހިދުމަތް ދިނުމުގައި އިޔާދަ ކުރަނިވި ހަކަތަ ބޭނުން ކޮށްގެން މަދުވެގެން ތިންބައިކުޅަ އެއްބައި ހިދުމަތް ދޭން. ނޫނިއްޔާ އިޔާދަކުރަނިވި ހަކަތައިން ރަން ކުރާ ވަރަށް 33 ޕަސަންޓް ގާއިމު ކުރަން. އެއީ މުޅި ރާއްޖެ،“ ރައީސް ވިދާޅުވި އެވެ.




3 Comments
ގުޅުންހުރި
ރައީސް ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ރައީސް އަންގާރަ ދުވަހުގެ ރޭ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ސިޔާސީ އޮއިވަރުގައި ޖެހިގެން މަސްވެރިންނަށް ވާނެ ފައިދާއެއް ނޯންނާނެ: ރައީސް
މާދަމާއިން ފެށިގެން މަސް ގަންނަ އެންމެ ދަށް އަގަކަށް 16 ރުފިޔާ
މަސްވެރިކަމުގެ ދާއިރާގެ މަސައްކަތްތައް ލަސްވަނީ ބޭރުގެ ”ޑިއު ޕްރޮސެސް“އާ ހެދި: ރައީސް
މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ގާއިމުކުރި ފުރަތަމަ ޝެޑް ދުވާފަރުގައި ހުޅުވައިފި