ސިނގިރޭޓުގެ އަގުބޮޑު ކުރީ ވަކި ބަޔަކަށް ފައިދާކޮށް، އާމްދަނީ އިތުރުކުރާކަށް ނޫން: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ---

ރާއްޖޭގައި ސިނގިރޭޓު އަގުބޮޑު ކުރީ ވަކި ބަޔަކަށް ފައިދާ ކުރަން ނޫން ކަމަށާއި އެކަމުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވާން ވެސް ބޭނުންފުޅު ނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރ. އުނގޫފާރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި ވޭޕް މަނާކުރަން ނިންމެވީ ދިވެހި ޒުވާން ޖީލުގެ ތެރޭގައި އެކަން އަށަގަންނަމުންދިޔަލެއް ބާރުކަމުން އެކަން އަތު ނުޖެހޭނެ ހިސާބަށް ދިއުން ހުއްޓުވުމަށް ކަމަށެވެ.

އެގޮތުން ސިނގިރޭޓު މަނާ ނުކޮށް ވޭޕް މަނާކުރީ އެ ކަމަކީ ދިވެހިންގެ ތެރެއަށް ވަރަށް ފަހުން ތައާރަފުވެ އަދި ދުންފަތުގެ އިސްތިއުމާލު ކުރުން ފަދައިން ދިވެހިންގެ ތެރޭގައި އަށަގަނެފައި އޮތް ކަމަކަށް ނުވާތީ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

”އަޅުގަނޑުމެން ވޭޕް މަނާކުރުމުގެ ކަންތައް ކުރުމާއެކީގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގައި އެކަމުން ދުރުހެލިވުމަށް ފިޔަވަޅުތަކެއް މި އެޅީ، ބައެއް ބޭފުޅުން ވިދާޅުވަނީ ވަކި ބަޔަކަށް ފައިދާކުރަންށޭ. ނޫން. އެހެނެއް ނޫން. އަޅުގަނޑު ބޭނުމެއް ނޫން އެ ދާއިރާ އިން ޓެކްސް އިތުރުކޮށްގެން އާމްދަނީ އިތުރުކުރާކަށް. ފިނޭންސް މިނިސްޓްރީގެ ހިސާބުތައް މިހާރު ނަހަދާނެ ދުންފަތުގެ ބާވަތްތައް ގަނެގެން އިމްޕޯޓް ކުރާ ޓެކްސް އެއަށް ބަރޯސާވެގެންނެއް.،“ ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކޮންމެ މީހަކީވެސް ދުންފަތުގެ ބާވަތްތައް ބޭނުންކޮށްގެން ލިބޭ ގެއްލުންތަކުން ދުރުވެފައި ތިބި ބަޔަކަށް ވުމަކީ އެ މަނިކުފާނު ބޭނުންފުޅުވާ ގޮތް ކަމަށެވެ. އަދި ވޭޕް މަނާކޮށް ސިނގިރޭޓުގެ އަގުބޮޑުކުރީ އެކަމަށް ބާރު އަޅައި، އެ އާދަތަކުން ދުރުވުމުގެ ހެޔޮ ނިޔަތުގައި ކަމަށްވެސް ވިދާޅުވި އެވެ.