ރައީސް ޑރ. މުހައްމަދު މުއިއްޒުވަރުގެ ރައްޔިތުންނަށް އޯގާތެރި ވެރިއަކު ނުލިބޭނެ ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ރ. އަތޮޅުގެ ރަށްތަކަށް ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރ. އިންނަމާދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއެކު މިރޭ ބޭއްވެވި ބައްދަލު ކުރެއްވުމުގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ރާއްޖޭގެ ރައީސުންގެ ތެރެއިން މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން އެ ރަށްރަށުގެ ކައުންސިލާއި މުއައްސަސާތަކާ ބައްދަލުކުރައްވައި ރައްޔިތުންގެ ހާލު މިހާ އަވަހަށް ބެއްލެވި ރައީސަކީ ރައީސް މުއިއްޒު ކަމަށެވެ.
އަދި ރައްޔިތުން ރައީސް މުއިއްޒަށް ކުރައްވާ އިތުބާރެއްގެ ސަބަބުން މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ މިހާތަނަށް ރާއްޖޭގެ ތާރީހުގައިވެސް އެއްވެސް ރައީސަކަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނުލިބޭ މިންވަރަށް ނުލިބުނު ފަހަރެއް ކަމަށް ފަލާހު ވިދާޅުވި އެވެ.
”ވެރިން އެ ވެރިންގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ވެސް ކޮންމެ ވެރިއެއްގެ ހިތުގައިވެސް އޮންނަނީ ދެވަނަ ދައުރެއް މިހާތަނަށް އައިއިރުގައި. އެހެންނަމަވެސް ވަރަށް ޔަގީންކަމާއެކު ދަންނަވާލަން ބޭނުންވާ އެއް ވާހަކައެއް އެބަ އޮތް. އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ހިތްޕުޅުގައި ދެވަނަ ދައުރެއް އޮވެގެން ނޫން އެ މަސައްކަތް ކުރައްވަނީ،“ ފަލާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް މުއިއްޒު ބޭނުންފުޅު ވަނީ އެ މަނިކުފާނަށް ރައްޔިތުން ދިން ފަސް އަހަރުގައި ރާއްޖޭގައި ހުރި މައްސަލަތައް ހައްލުކޮށް، އަމާން ބަނދަރަކަށް ގެންދިއުން ކަމަށެވެ. އެގޮތުން ދެވަނަ ދައުރެއްގެ ދަހިވެތިކަމުގައި ކުރީގެ ވެރިން ކުރަން ބޭނުންނުވި ކަންތައްތައް ރައީސް މުއިއްޒުގެ އެއް އަހަރު ތެރޭގައި ހައްލު ކޮށްދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ.
”އަޅުގަނޑެއް ނުދެކެން، ރައީސް ޑރ. މުހައްމަދު މުއިއްޒު އިންނެވީމަކާ ނޫން، އެ މަނިކުފާނު ނެތް ތަންތަނުގައިވެސް އަޅުގަނޑުގެ ރައްޔިތުން ކައިރީގައި ދެންނެވިން މިވަރުގެ ރައީސަކާއެކު އަދި މަސައްކަތެއް ނުކުރަމޭ. އަޅުގަނޑުވެސް އެއް ރައީސަކާއެކު މަސައްކަތް ކުރިން. އެކަމަކު މިއަދުގެ ރައީސުލްޖުމްހޫރިއްޔާވަރުގެ އޯގާތެރި ވެރިއަކު ތި ބޭފުޅުންނަކަށް ނުފެންނާނޭ،“ ފަލާހު ވިދާޅުވި އެވެ.

43 Comments
ގުޅުންހުރި
އިނގުރައިދޫ މީހުން މިދިލިއޮށް ހޮވުން ކައުންސިލުން މަނާކޮށްފި
ދުންފަތް ވިޔަފާރިކުރުމުގެ ލައިސެންސް ހޯދަން ހުޅުވާލައިފި
ކިނބޫ އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފި
ރިސޯޓެއް ކައިރިން ކިނބުލެއް ފެނިއްޖެ
މާލޭ ގެއެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓިފައި އޮއްވާ ފެނިއްޖެ،
ޒުވާނުން އަލުން މަހަށް ދާން ފަށައިފި، އެއީ ބޭނުންވި ގޮތް: ރައީސް