އަގު ކޮންޓްރޯލް ކުރަން އިންޑިއާ އިން ކާށި ގެނެސްފި، ވިއްކާނީ 5ރ. އަށް

ބާޒާރުގައި ކާށީގެ އަގު މައްޗަށް ދާން ފެށުމުން ކާށީގެ އަގު ކޮންޓްރޯލް ކުރަން އެސްޓީއޯ އިން ރާއްޖެއަށް ކާށި ގެނެސްފި އެވެ.

ބާޒާރުގައި މި ވަގުތު ކާއްޓެއްގެ އަގު އުޅެނީ 10 ރުފިޔާއާއި 25 ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ.

އެސްޓީއޯ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ބާޒާރުގެ އަގުތަކަށް އަންނަ ބަދަލުތައް ގަވާއިދުން ބަލަމުން ގެންގޮސް، އަގު މައްޗަށްދާ ތަކެތި ފާހަގަކޮށް އެކަމަށް އަވަސް ހައްލެއް ގެންނަމުންދާ ކަމަށެވެ.

އެގޮތުން ކާށީގެ އަގު މައްޗަށްދާން ފެށުމުން އިންޑިއާ އިން އޯޑަރު ކުރި ކާށީގެ ފުރަތަމަ ބެޗު މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށާއި އެ ކާށި ޝިޕްމަންޓް މާދަމާ އިން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ވިއްކަން ފަށާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯ އިން ކާށި ވިއްކާނީ ފަސް ރުފިޔާއަށެވެ.

އެސްޓީއޯ އިން ބުނީ، އެ ކުންފުނިން ގެނައި ލުނބޯވެސް މާދަމާ އިން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރައިން ގަންނަން ލިބޭނެ ކަމަށެވެ.

އެސްޓީއޯ އިން ވަނީ ހަތަރު ކެޓެގެރީއަކަށް ބަހާލައިގެން ކާބޯތަކެތި އެތެރެކުރަން ތައްޔާރުވެފަ އެވެ. އެއީ:

  • އަސާސީ ކާބޯތަކެތި: ފިޔާ، ބިސް އަލުވި، ކާށި، ކަދުރު
  • ތާޒާ ތަރުކާރީ އަދި މޭވާ: ލޮނުމެދު، އިނގުރު، ލުނބޯ، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބު، ޕެޝަންފުރުޓް، ކިއުކަންބާ
  • ޕްރޮސެސްޑް ކާނާ: ނެސްލޭ ކްރީމް، ކޮކޯ ޕައުޑަރު، ބޭކެޑް ބީންސް، ގެރިކިރު ދަޅު
  • ކެއްކުމަށް ބޭނުންކުރާ ތަކެތި: ސަންފްލާވާ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ