އިދާރާތަކުގެ ވެރިންނާއި މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރެވެން ނެތް ކަމަށް ނިންމައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަތަސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިން 10 ޕަސަންޓް ކުޑަކުރެވެން ނެތް ކަމަށް މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަޖިލިސް މެންބަރުންނާއި ޝަރުއީ ދާއިރާއާއި މިނިވަން މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަކުރުމަށް އެދިވަޑައިގެން އެކަމުގެ ލަފަޔަކަށް މަޖިލީހުގައި އެދިފަ އެވެ. ރައީސް އެގޮތަށް އެދިވަޑައިގަތީ ސަރުކާރުގެ އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުންނެވެ.

އިސްލާހީ އެޖެންޑާގައިވާ ގޮތުން މިނިވަން މުއައްސަސާތަކުގައި އަސާސީ މުސާރަ 12،000 އަށް ވުރެ މަތިން ލިބޭ ނަމަ 10 ޕަސެންޓު އުނި ކުރުމަށާއި މަޖިލީހަށް ފެންނަ ނަމަ ޝަރުއީ ދާއިރާ އާއި މަޖިލިހުގެ މެންބަރުންގެ މުސާރައިން ވެސް 10 ޕަސެންޓް ކުޑަ ކުރުމެވެ. އަދި މެންބަރުންގެ މުސާރައިން ވެސް 10 ޕަސަންޓު ކުޑަކުރުމަށެވެ.

ނަމަވެސް މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ނުވަ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވަނީ ރައީސް މުއިއްޒު އެދިވަޑައިގަތް ނަމަވެސް މުސާރަ ކުޑަކުރެވެން ނެތް ކަމަށެވެ.

މާލިއްޔަތު ކޮމިޓީއަށް އެ މައްސަލަ ހުށަހަޅައިފައިވަނީ ފުނަދޫ ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު މަމްދޫހެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ އިސްލާހީ އެޖެންޑާގައިވާ ގޮތަށް ޝަރުއީ އަދި މިނިވަން މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަކުރެވެން ހުރީ ގާނޫނުތަކަށް ބަދަލު ގެނެސްގެން ކަމަށެވެ.

”ގުޅުން ހުރި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން ކަމުންނާއި އެއް ގިންތިއެއްގެ މަގާމުތަކުގެ މުސާރައާއި އިނާޔަތްތައް އެއް ހަމައެއްގައި ހިފެހެއްޓުމަކީ ކޮމިޓީގެ ޒިންމާއަކަށްވާއިރު ގާނޫނުތަކަށް ބަދަލު ނުގެނެސް މުސާރަ ކުޑަކުރުމަކީ އިންސާފުވެރި އަދި އަދުލުވެރި ގޮތެއް ނޫން ކަމަށް ކޮމިޓީއަށް ފެންނާތީ.“ މަމްދޫހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މެންބަރުންގެ މުސާރައިންނާއި މިނިވަން މުއައްސަސާތައް އަދި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރައިން 10 ޕަސަންޓް ކުޑަކުރުމަށް ކޮމިޓީއަށް ނުފެންނަ ކަމަށް ނިންމާފައިވާތީ އެކަމުގެ ލަފާ ރައީސްއަށް އަރުވަން ހުށަހަޅުއްވާ ކަމަށެވެ. އެހެންވެ، ގާނޫނުތަކަށް ބަދަލު ގެނައުމަށްފަހު މުވައްޒަފުންގެ މުސާރަ ކުޑަކުރަން އަލުން ހުށަހެޅުމަށް ވެސް ރައީސަށް ލަފާ އަރުވަން ކޮމިޓީން ނިންމި އެވެ.

މިނިވަން މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އަދި އެހެނިހެން މިނިވަން އިދާރާތައް އެއްކޮށްލައިގެން ހަރުދަނާކަމާ އެކު، އިދާރާތައް ހިންގައިފިނަމަ ހަރަދުތައް ކުޑަކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް މަމްދޫހު ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސޯދީ އަދި މާލީ ހާލަތު ރަނގަޅުކުރުމުގެ ބޭނުމުގައި ތަންފީޒު ކުރަން ނިންމާފައިވާ އެ އިސްލާހީ އެޖެންޑާގެ ދަށުން ރައީސް ވަނީ ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން ސިޔާސީ މުވައްޒަފުންނާއި ދައުލަތުގެ ތިން ބާރުގެ އިސްބޭފުޅުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި މަޖިލީހުގެ މެމްބަރުންގެ މުސާރަ އިން 10 ޕަސެންޓް ދެ އަހަރު ދުވަހުގެ މުއްދަތަށް އުނިކުރުމަށް ނިންމަަވައިފަ އެވެ.

އަދި ވަނީ އެ މަނިކުފާނު ވެސް ވަނީ އަމިިއްލަފުޅު މުސާރަ އިން 50 ޕަސެންޓް ނުނެންގެވުމަށް ނިންމަވައިފަ އެވެ.

މީގެ އިތުރުން ސަރުކާރު ކުންފުނިތައް މޮނިޓާކުރާ ޕީސީބީން ވަނީ ކުންފުނިތަކުގެ ވެރިންގެ މުސާރަ ވެސް ލިމިޓު ކޮށްފަ އެވެ. އެގޮތުން ކުރިއަށް އޮތް ދެ އަހަރުގެ މުއްދަތަށް ސަރުކާރު ކުންފުނިތަކުގެ އިސްވެރިންގެ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ގިނަވެގެން ދެވޭނީ 90،000 ރުފިޔަ ކަމަށް ޕީސީބީން ވަނީ ކަނޑައަޅައިފަ އެވެ.