ރައްޔިތުންނަށް ބޮޑުކަމެއް ނުކޮށްދެވޭތާ މުޅި ނިޒާމު ފުނޑަމުންދާތީ ދެން ހިމޭނަކުން ނުތިބެވޭނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވަން ބޭއްވި އިންތިހާބުގައި މަކުނުދޫ ދާއިރާއަށް ވާދަކުރައްވައި ނާކާމިޔާބުވި ފަހުން އިމްރާން އުޅުއްވަނީ ސިޔާސީ މައިދާނުން ދުރުގަ އެވެ.
އިމްރާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންނަށް ފައިދާޢެއް، ހެޔޮކަމެއް ކޮށްދީ، ދައުލަތުގެ ނިޒާމަށް ހެޔޮ ބަދަލެއް ގެނެސްދޭތޯ އެއްޗެއް ނުބުނެވޭތޯ ވަރަށް ކެތްކުރެއްވި ކަމަށެވެ.
”ރައްޔިތުންނަށް ބޮޑުކަމެއް ނުކޮށްދެވޭތާ މުޅި ނިޒާމު ފުނޑަމުންގޮސް ސުޕްރީމް ކޯޓުގައި އަތްލީމާ ދެން ހިމޭނަކުން ނުތިބެވޭނެ،“ އިމްރާން ވިދާޅުވި އެވެ.
އިމްރާން އެހެން އެ ވިދާޅުވީ، ސުޕްރީމް ކޯޓުގެ ހަތް ފަޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް ކުޑަކުރުމަށް، ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވި ބިލާ ގުޅިގެންނެވެ.
އިދިކޮޅު އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި އެ ބިލަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން ކުރާ މަސައްކަތެކެވެ.
ސިޔާސީ ބޭފުޅެއްގެ ގޮތުގައި އިމްރާން އެންމެ ފުރަތަމަ މަޝްހޫރުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، އަދަލާތު ޕާޓީ ލީޑްކުރުމުގެ ފުރުސަތު އޭނާއަށް ލިބިވަޑައިގެންނެވި ހިސާބުންނެވެ. އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކުގައި އޭނާ އިސްކޮށް އުޅުއްވި އެވެ.
އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އޭރުގެ އިދިކޮޅު މީހުންނާ އެކުގައި ވެސް މުޒާހަރާތަކުގައި އިސްކޮށް އުޅުއްވި އެވެ. އޭރު ކުރި މުޒާހަރާއެއްގައި ދެއްކެވި ވާހައަކާ ގުޅިގެން ޓެރަރިޒަމްގެ ދައުވާކޮށް 12 އަހަރަށް ޖަލަށް ވެސް ލި އެވެ.
ހޯމް މިނިސްޓަރުގެ މަގާމު ލިބިވަޑައިގަތީ މިދިޔަ އެމްޑީޕީގެ ވެރިކަމުގައެވެ.

23 Comments
ގުޅުންހުރި
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ބިލް ރައީސް ތަސްދީގު ކުރައްވައިފި
ސައޫދީ ފަންޑުގެ އެންމެ އިސްވެރިޔާއަށް ދިވެހި ދައުލަތުން ދޭ ތިންވަނަ އެންމެ
ދިފާއުގައި ހުށަހެޅި ހެކިން ހާޒިރުނުކޮށް ފަނޑިޔާރު މަހާޒުގެ އަޑުއެހުންތައް ނިންމާލައިފި
ދުންފަތް ވަކި އުމުރަކަށް މަނާކުރަން މިއަދު ކެބިނެޓުން ގޮތެއް ނިންމަނީ
މާލޭގެ ހުރިހާ ގެއަކަށް ދިއުމުގެ ވައުދު ފުއްދިން، އޯގަސްޓުގެ ނިޔަލަށް ހުރިހާ
ތެލާއި ކާޑު ގެނައުމަށްވުރެ އިސްކަންދެނީ ދަރިވަރުންނަށް ފައިސާ ދޭން: ރައީސް