ވެރިކަންކުރާ ޕީއެންސީއަށް މެންބަރުން އިތުރު ކުރުމުގެ ގޮތުން ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)ގެ ސިސްޓަމާއި ޑޭޓާ ބޭނުންކުރިނަމަ އޭނާ ޕީއެންސީއަށް ވައްދާނީ އެންމެ 1،700 މީހުން ނޫން ކަމަށާއި 40،000 މީހުން، ޕީއެންސީއަށް ވައްދާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިޔައިރު، މަޖިލީހަށް ވަޑައިގެން އެ މައްސަލައިގައި ޖަވާބުދާރީވެ ވަޑައިގަންނަވަމުން އިހުސާން ވިދާޅުވީ
ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ ހަރަކާތުގެ ތެރެއިން މަދުވެގެން 500 ފޯމު ހޯދުމުގެ ޒިންމާ އޭނާއަށް ހަވާލުކުރެވުނު ކަމަށެވެ. އެހެންވެ ހޯމްލޭންޑް މިނިސްޓްރީގެ 50 އެއްހާ ސިޔާސީ މުވައްޒަފުންނާ ހަވާލުކޮށްގެން، ކޮންމެ މުވައްޒަފަކު މަދުވެގެން 10-15 ފޯމު އާއިލާއާއި ރަހުމަތްތެރިންގެ ތެރެއިން ހޯދުމަށް އަންގާފައިވާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ އެ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންތައް ފޯމުތައް ފުރިހަމަކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ޑީއެންއާރު އޮފީހުގެ މީޓިންގ ރޫމެއްގައި ކަމަށެވެ. މި މަސައްކަތުގެ ތެރޭގައި ފޯމުތަކުގެ ވިޓްނަސްގެ ބައި ފުރިހަމަކުރުމާއި، ފިންގަރޕްރިންޓް ޖެހުމާއި، ސޮއިކުރުމާއި، ޑިޖިޓަލް މީޑިއާ މެދުވެރިކޮށް ލިބުނު ފޮޓޯތައް ޕްރިންޓްކޮށް ފޯމުތަކުގައި ހަރުކުރުން ހިމެނޭ ކަމަށް އިހުސާން ވިދާޅުވިއެވެ.
”މިދިޔަ ދުވަސްތަކުގައި ޕީއެންސީއަށް ސާޅީސް ހާހަށްވުރެ ގިނަ ފޯމު ވެއްދިއިރުގައި އަޅުގަނޑު ޑީއެންއާރުގެ ޑޭޓާ ބޭނުންކޮށްގެން މީހުން ވެއްދި ނަމަ، 1700 ފޯމެއް ނޫން އަޅުގަނޑުމެން ވައްދާނީކީ. އެ ނިޒާމުން އަޅުގަނޑުމެން މީހުން ވެއްދިނުމަށް އަޅުގަނޑު 40،000 ވައްދާނީ. އެއީ ކީއްކުރަންތޯ އެހާ ބުރަކޮށް، އެހެން މީހުންނަށް މަސައްކަތް ޖައްސަނީ؟ އެހެންވީމާ، މިއީ ތާކުން ތާކުޖެހޭ ވާހަކައެއް ނޫން،،،،“ އިހުސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑީއެންއާރް މީޓިން ރޫމުގައި ސިޔާސީ މަސައްކަތެއް ކުރުމަކީ ގާނޫނީ ގޮތެއް ކުށެއް ނޫން ކަމަށެވެ. ނަމަވެސް ޑީއެންއާރު ފަދަ ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުއައްސަސާއެއްގައި އެފަދަ ސިޔާސީ މަސައްކަތްތައް ކުރުމަކީ ރައްޔިތުންގެ އިތުބާރު ގެއްލޭފަދަ ކަމެއްކަމަށާއި މީގެ ފަހުން މިފަދަ ކަމެއް ނުކުރުމަށް މިހާރު އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.




ގުޅުންހުރި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް
ވެރިކަންކުރާ ޕީއެންސީގައި 74،000 މެންބަރުން، އެމްޑީޕީގައި 43،700 މީހުން
ކައުންސިލު އިންތިހާބަށް ކެންޑިޑޭޓުން ހޮވުމަށް ޕީއެންސީ ޕްރައިމަރީގެ ވޯޓުލުން ފަށައިފި
ޕީއެންސީގެ ޕްރައިމަރީގައި 290 އަށްވުރެ ގިނަ ކެންޑިޑޭޓުން
ކައުންސިލު އިންތިހާބަށް ބާއްވާ ޕީއެންސީގެ ޕްރައިމަރީ މިމަހުގެ 27 ގައި