ކޮތަރުތައް މަރުވާ ސަބަބު ދެނެގަނެވިފައިވާ ކަމަށާއި، މިއީ އިންސާނުންނަށް ނުރައްކަލެއް އޮތް ކަމެއް ނޫން ކަމަށް އެނިމަލް ވެލްފެއާ މިނިސްޓްރީން މިއަދު ވިދާޅުވެއްޖެއެވެ.
މާލެ ތެރެއިން މަރުވެ އަދި ބަލި ޖެހިފައިވާ ކޮތަރުތައް ފެންނަން ފެށީ މިދިޔަ މަހުގެ ތެރޭގަ އެވެ. އެހެންވެ އެނިމަލް ވެލްފެއާ މިނިސްޓްރީން ވަނީ މިދިޔަ މަހުގެ 20 ގައި ކޮތަރުތަކުގެ ސާމްޕަލްތައް ނަގައިފަ އެވެ.
އެ މިނިސްޓްރީން މިއަދު ބުނީ އެ ސާމްޕަލްތައް ތަހުލީލު ކުރުމުން ކޮތަރުތަކަށް ޖެހިފައިވަނީ އިންފެކްޝަން ކޮރައިޒް ކަމަށް، ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެއީ އާއްމުކޮށް ދޫނީގެ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް ކަމަށް މިނިސްޓްރީން ބުންޏެވެ. އެ ތަހުލީލު ބިނާކޮށްފައިވަނީ ބަލި ފެތުރިފައިވާ ގޮތާއި ބަލީގެ އަލާމާތްތަކާއި ނެކްރޯޕްސީ ހޯދުންތައް އަދި ލެބޯޓްރީ ޓެސްޓުތަކުގެ މައްޗަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
އިންފެކްޝަން ކޮރައިޒާއަކީ އެލިބެކްޓީރިއަމް ޕެރަގެލިނޭރަމް ނަމަކަށް ކިޔާ ބެކްޓީރިއާއެއްގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ބައްޔަކީ އިންސާނުންނަށް އެއްވެސް ނުރައްކަލެއް ކުރިމަތިކުރުވާނެ ބައްޔެއް ނޫން ކަމަށް މިނިސްޓްރީން ބުންޏެވެ. ނަމަވެސް، ރައްކާތެރި ގޮތަކީ މަރުވެފައިވާ ނުވަތަ ބަލިޖެހިފައިވާ ކޮތަރުތަކާ ކުޑަކުދިން ގާތް ނުކުރުން ކަމަށާއި އަދި ބޮޑެތި މީހުން ވެސް އެ ތަކެތީގައި އަތްލާއިރު ރައްކާތެރިކަމުގެ ވަސީލަތެއް ބޭނުންކުރަން ކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން ތަހުލީލުތަކުން، އެ ނކޮތަރުތަކަށް ކޮކްސިޑީއޯސިސް، ކެންޑިޑިއޭސިސް އަދި އެހެނިހެން ބެކްޓީރިއަލް އިންފެކްޝަންތައް ޖެހިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
”އިންފެކްޝަން ކޮރައިޒާގެ އިތުރުން ސެކެންޑްރީ ބެކްޓީރިއަލް އިންފެކްޝަންތައް ޖެހުމުގެ ސަބަބުން ބަލި ބޮޑުވެ، މަރުވެ އެވެ. މި ބަލި ޖެހުމުން ނޭފަތުން ފެން އައިސް، ދޫނި ކެއްސާ، ނޭވާުލުމަށް އުނދަގޫވެ، ބޮލާއި މޫނު ދުޅަވެ، ކެއުން ބުއިމަށް އުނދަގޫވެއެވެ. މި ބައްޔަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭގެ ޒާތުގައި އަމިއްލައަށް ކޮންޓްރޯލްވާ ބައްޔެކެވެ،“ މިނިސްޓްރީން ބުންޏެވެ.



2 Comments
ގުޅުންހުރި
ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ބަހަން އަންނަ ހޮނިހިރު ދުވަހު
އެމްޕީއެލްގެ މުވައްޒަފަކަށް ފިޓް ޖެހިގެން ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ
އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ރޯދަ ސޭލް ފަށައިފި
އަތޮޅުތަކުން މާލެއަށް 1530 ދަރިވަރުން ބަދަލުވެއްޖެ، ގިނައީ ހުޅުމާލެއަށް
އެފްޑީސީގެ ހުރިހާ ޓަވަރަކަށް ކަރަންޓު ގުޅައި ނިންމާލައިފި
ޓެކުހަށް މަކަރު ހެދި މައްސަލައިގައި ދެ ޑޮކްޓަރުންނަށް ދައުވާކޮށްފި