ދަރިފުޅަކީ ދުވަހަކު ވެސް ވޭޕް އަދި ދުންފަތުގެ އިސްތިއުމާލު ކުރި ކުއްޖެއް ނޫން: މެޑަމް ސާޖިދާ

ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒުއަކީ، ދުވަހަކު ވެސް ވޭޕް ނުވަތަ ދުންފަތުގެ އިސްތިއުލާމް ކުރި ނުވަތަ ކުރާ ކުއްޖެއް ނޫން ކަމަށް އޭނާގެ މަންމަ އަދި ރައީސް މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު އެމްޑީޕީން މިހާރު ބާއްވަމުންދާ ސިލްސިލާ މުޒާހަރާއެއްގައި ރާއްޖޭގައި ވޭޕް މަނާކޮށްފައި ވަނީ، ރައީސްގެ ދަރިކަލުން އުމައިރުގެ ސަބަބުން ކަމަށް އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) ތުހުމަތު ކުރި މައްސަލައެއް ވަނީ ހޫނުވެފަ އެވެ.

އެ މައްސަލައާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލާގެ ފަރާތުން މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމެއްގައި އެ މަނިކުފާނުގެ އާއިލާގެ ފަރާތުން ވަކީލު، ކުރީގެ ބަންޑާރަ ނައިބު އާޒިމް ޝަކޫރު ވަނީ ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ނެރުއްވަވާ ނޫސްބަޔާން އިއްވައިފަ އެވެ.

މެޑަމް ސާޖިދާގެ ބަޔާނުގައި ވިދާޅުވީ ދަރިކަލުން އުމައިރަށް ނިސްބަތްކޮށް، މިވޭތުވެދިޔަ އަހަރެއްހާ ދުވަހުގެތެރޭގައި، ހާއްސަކޮށް މިދިޔަ ދެތިން ދުވަހެއްގެ ތެރޭގައި ހަގީގަތެއް ނެތް، ދޮގު ވާހަކަތަކެއް ދައްކައި، މީޑިއާއާއި ސޯޝަލްމީޑިޔާގެ ޕްލެޓްފޯމްތައް މެދުވެރިކޮށް ފަތުރާފައިވާ ކަމަށެވެ. އެގޮތުން ފަތުރާފައިވާ ވާހަކަތަކުގެ ތެރޭގައި، އުމައިރަކީ ވޭޕްބޭނުންކުރާ ކުއްޖެއް ކަމުގައި ބުނެ ފަތުރާފައިވާ ދޮގުވާހަކަތަކެއް ހިމެނޭ ކަމަށްވެސް ވިދާޅުވި އެވެ.

”މި ފުރުސަތުގައި އުމައިރަކީ ވޭޕް ނުވަތަ ދުންފަތުގެ އިސްތިއުމާލުވެސް އެއްވެސް ގޮތަކަށް ކުރާ ނޫނީ ކޮށްފައިވާ ކުއްޖެއް ނޫންކަމުގައި، ތިޔަ އެންމެ ބޭފުޅުންގެ މައުލޫމާތަށްޓަކައި ވަރަށް ސާބިތުކަމާއެކު ދަންނަވަމެވެ،“ މެޑަމް ސާޖިދާގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.