ހުއްޓިފައި އޮންނަތާ 11 މަސް ފަހުން ރައީސްގެ ޖަވާބު ސިލްސިލާ އަލުން ފަށަނީ

ރައްޔިތުން ވީޑިއޯ މެދުވެރިކޮށް ހުށަހަޅާ ސުވާލުތަކަށް ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒު ޖަވާބު ދެއްވުމަށް ކުރިއަށް ގެންދިޔަ ”ރައީސްގެ ޖަވާބު“ ސިލްސިލާ އަލުން ފަށަން ނިންމައި، ވީޑިއޯ މެދުވެރިކޮށް ސުވާލު ހުށަހަޅަން ހުޅުވާލައިފި އެވެ.

ކޮންމެ ދުވަހަކު ކޮންމެވެސް ރައްޔިތެއްގެ ސުވާލަކަށް ޖަވާބުދެއްވުމަށް އަމާޒު ހިފައިގެން ރައީސްގެ ޖަވާބު ފެށީ ފެބްރުއަރީ 2024 ގައެވެ. އެ ސިލްސިލާގެ ވީޑިއޯއެއް އެންމެފަހުން އާންމު ކުރީ މިދިޔަ އޭޕްރިލް 7، ގައެވެ.

އެ ސިލްސިލާގައި އޭރު ސުވާލުކުރަމުން ދިޔައީ ރައީސް އޮފީހުގެ މީޑިއާ ޓީމުން ރައްޔިތުންނާ ބައްދަލުކޮށް، ވީޑިއޯ ސުވާލު ހުށަހެޅުމުގެ ފުރުސަތު ދީގެންނެވެ.

ނަމަވެސް އެގޮތަށް އެކަން ކުރިއަށް ގެންދިއުމުން، ހުރިހާ މީހުންނަށް ހަމަހަމަ ގޮތެއްގައި ފުރުސަތު ދެވެމުން ނުދާތީ، ކޮންމެ ރައްޔިތަކަށްވެސް ވީޑިއޯ ސުވާލު ހުށަހެޅޭނެ ޕޯޓަލްއެއް އުފައްދައި ބޭނުންކުރެވެން ފެށެންދެން ”ރައީސްގެ ޖަވާބު“ ސިލްސިލާ މެދުކަނޑާލި އެވެ.

ރައީސް އޮފީހުން މިހާރު ވަނީ ”ރައްޔިތުންގެ އަޑު“ގެ ނަމުގައި ޕޯޓަލްއެއް ހަދައިފަ އެވެ. އެ ޕޯޓަލް https://citizensvoice.gov.mv މި ލިންކް މެދުވެރިކޮށް، ނުވަތަ ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށް ކޮންމެ ރައްޔިތަކަށް ބޭނުން ކުރެވޭނެ އެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ”ރައްޔިތުންގެ އަޑު“ ޕޯޓަލްގެ ސަބަބުން ކޮންމެ ވަގުތަކު ރައީސަށް ހުށަހަޅަން ބޭނުންވާ ކޮންމެ ސުވާލެއްވެސް ވަގުތުން ހުށަހެޅޭނެ ކަމަށެވެ.