ގއ. ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހަދަން ބޭރުގެ ކުންފުންޏަކާ ހަވާލުކޮށް ސޮއިކޮށްފައި އޮއްވައި، އެ ރަށުގައި އެއާޕޯޓެއް ހަދަން އަނެއްކާވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.
ވިލިނގިލި ކައިރީގައި އޮންނަ ފަޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހެދުމަކީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ވިލިނގިލިއަށް ވަޑައިގެން ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ.
އެގޮތުން މަޖިލިސް އިންތިހާބާ ދިމާކޮށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރައީސް މުއިއްޒު ވިލިނގިއްޔަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހެދުމަށް އެންވީ ބެސިކްސް އެސްއޭ ނަމަކަށް ކިޔާ ބެލްޖިއަމްގެ ކުންފުންޏާ ސޮއިކުރި އެވެ.
އެ މަޝްރޫއުގެ އެއްވެސް ތަފުސީލެއް މިހާތަނަށްވެސް ސަރުކާރުން ހާމަކޮށްފައި ނުވާއިރު އެ ރަށުގައި އެއާޕޯޓެއް ހަދަން ރައީސް މިއަދު ވަނީ ކަނޑައަޅުއްވައިފަ އެވެ.
އެ މަނިކުފާނު އެކަން އިއުލާން ކުރެއްވީ ކްރޮސް ސަބްސިޑީ ނުވަތަ މަޝްރޫއެއް ހިންގުމަށް ފައިސާ ދޭ މަތިން ރަށެއް/ ފަޅެއް ދޭ އުސޫލުން ދައުލަތުގެ އާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތުގެ ދަށުން ހިންގާނެ މަޝްރޫއުތަކާއި އެ މަޝްރޫއު ހަވާލުކުރެވޭ ފަރާތުން އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓުގެ އަދަދާއެކު މިއަދު ނެރުއްވި ގަރާރުގައެވެ.
ރައީސްގެ ގަރާރުގައި ވިދާޅުވެފައިވާ ގޮތުން ވިލިނގިލީގައި ހަދާނީ އިންޓަނޭޝަނަލް އެއާޕޯޓެއް ނޫނެވެ. އަދި އެ މަޝްރޫއަށް އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓުގެ އަދަދަކީ 5 މިލިއަން އެމެރިކާ ޑޮލަރެވެ.




15 Comments
ގުޅުންހުރި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ޑުރަގް ވިޔަފާރިކޮށް މަނީ ލޯންޑާކުރާ ބޮޑުން ހޯދަން ގއ. އަތޮޅުގައި ބޮޑު
ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން، އެއީ ވެރިކަމުގެ ފަށަލައެއް:
ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު ޑްރެޖަރު ގެނެސް ދިއްދޫ ބިން
ރަސްމާލެ ހިއްކުން: 1 މަސް ތެރޭ ތިލަފުށީގެ ބިމުގެ ސައިޒަށްވުރެ ބޮޑު
ދިއްދޫ ބިން ހިއްކަން ގެނައީ ދުނިޔޭގައި އޮތް އެންމެ ބޮޑު އަނެއް