އޭޕްރިލް 2, 2025

ތުލުސްދޫގެ އާ އިންޖީނުގެއާއި ކަސްޓަމާ ސާވިސް އިމާރާތް ހަދަން ބަޔަކާ ހަވާލުކޮށްފި

ކ. ތުލުސްދޫގައި އަލަށް ހަދަން ނިންމާފައިވާ އިންޖީނުގެއާއި ކަސްޓަމާ ސާވިސް ބިލްޑިން އަދި އިންޖީނުގޭގެ ވަށާފާރު އިމާރާތްކުރަން ބަޔަކާ ހަވާލުކޮށްފި އެވެ.

ސްޓެލްކޯ ހެޑް އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކޮށްފައިވަނީ ސަންވިލް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 175 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް 11.9 މިލިއަން ރުފިޔާ އަށެވެ.

އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސަންވިލްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރާފިއު އާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެވެ. އެ ރަސްމިއްޔާތުގައި ސްޓެލްކޯގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް އަދި ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ބައިވެރިވެވަޑައިގެންނެވި އެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ ތުލުސްދޫއަކީ ސްޓެލްކޯއަށް ވަރަށް މުހިންމު ރަށެއް ކަމަށާއި އެގޮތުން ތުލުސްދޫއަކީ ސްޓެލްކޯ ކުންފުންޏަކަށް ވުމަށްފަހު މާލޭ ސަރަހައްދުގެ ހިދުމަތް ފިޔަވާ ހިދުމަތް ދޭން ފެށި ފުރަތަމަ ރަށް ކަމަށެވެ.

”ތުލުސްދޫގައި މިހާރުވެސް ހިނގަމުން އެދާ ޕަވާހައުސްއަކީ ވަރަށް ފެންވަރު ރަނގަޅު ޕަވާހައުސްއެއް. އެހެންނަމަވެސް މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ޕަވާހައުސްއަކަށް ވާތީ، މީހުންނަށް އެންމެ ފަސޭހަކޮށް، އާބަން ސެންޓާސްތަކާ ދުރުގައި ޕަވާހައުސްތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، އަޅުގަނޑުމެން ތުލުސްދޫ ޕަވާހައުސް މި ބަދަލުކުރަނީ އަލަށް ހިއްކިފަވާ ސަރަހައްދަށް. އެހެންވީމަ އެކަމަށްޓަކާ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން“. ފަހުމީ ވިދާޅުވި އެވެ.

ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް ވިދާޅުވީ، ތުލުސްދޫގައި އާ އިންޖީނުގެއެއް އެޅުމުގެ އިންތިޒާރުގައި ރައްޔިތުން ތިބޭތާ ވަރަށް ގިނަ ދުވަސްވެއްޖެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ތުލުސްދޫއަކީ ވަރަށް ގިނަ ގެސްޓްހައުސްތައް އެޅިގެންދާނެ ތަނަކަށް ވާތީވެ، މިހާރު ބޭނުންކުރާ ކަރަންޓުގެ އަދަދު ހަމަ ދެގުނަޔަށް އިތުރުކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

”ތުލުސްދޫގައި މި އާ އިންޖީނުގެ އެޅިގެންދިޔައިމަ، އެފަރާތްތަކަށްވެސް (ގެސްޓްހައުސްތަކަށް) އެ ޔަގީންކަން ލިބިގެންދާނެ. ކަރަންޓުގެ ޔަގީންކަން. އެއީ މިހާރުވެސް ވަރަށް ގިނަ އިންވެސްޓަރުން ސުވާލުކުރޭ ތިމަންނަމެންނަށް އެކަށީގެންވާ ވަރަށް ކަރަންޓު ލިބޭނެހޭ. އަޅުގަނޑުމެން ބުނަން މިހާރުވެސް ލިބޭނޫންތޯއޭ ދެން އަދި ކުރިއަށް އޮތް ތަނުގައި މިއަށްވުރެވެސް ރަނގަޅަށް ލިބޭނޭ“ އަސްލަމް ވިދާޅުވި އެވެ.