ހެ. ކެލާގެ ރަށްވެހި އާސާރު ތަރައްގީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފި އެވެ.
ހެރިޓޭޖް މިނިސްޓްރީގައި އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން މިނިސްޓަރު އާދަމް ނަސީރު ސޮއިކުރެއްވިއިރު، އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާދަމް ނަސީރު ވިދާޅުވީ މިނިސްޓްރީގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ގޮތަށް އެ މަޝްރޫއުގެ ދަށުން ކޮންމެ ރަށެއްގައި ވެސް ތަރިކައިގެ އާސާރުތައް އުފެއްދުމުގެ ރޫހެއް އަށަގެންނެވުމަށް އިސްކަންދޭނެ ކަމަށެވެ.
ހެރިޓޭޖް މިނިސްްޓްރީން ބުނީ ކެލާގެ ރަށްވެހި އާސާރު ތަރައްގީކުރުމުގެ މަސައްކަތް ކުރާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވާފައިވާ ގޮތަށް ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތާއި ފަތުރުވެރިކަން ސިންދަފާތުކުރުމާ އަދި ނޭޝަނަލް އައިޑެންޓިޓީގެ އަސްލުތަކާ އެއްގޮތަށް ކަމަށެވެ.



