ކޮވިޑް-19ގެ ސަބަބުން ހާލު ސީރިއަސްވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލްް ޓްރޭޑިންގެ ވެރިޔާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެދިނުމަށް ދިވެހި ފުލުހުންގެ ހިދުމަތުގައި ރައްޔިތުން މަޖިލީހުން އެދިއްޖެ އެވެ.
ދިވެހި ސަރުކާރުން އެގްޒެކިއުޓާސް ޖެނެރަލްް ޓްރޭޑިން ވެންޓިލޭޓަރު ގަތުމަށް ފައިސާ ހަވާލުކުރި ނަމަވެސް ވެންޓިލޭޓަރު ލިބިފައެއް ނުވެ އެވެ. އެ މައްސަލައިގައި އޮޑިޓާ ޖެނެރަލް އޮފީހުން ހެދި އޮޑިޓް ރިޕޯޓެއްގައިވާ ގޮތުން 75 ވެންޓިލޭޓަރު ގަންނަން އެޕްރީލް 2020 ގައި ހެލްތު މިނިސްޓްރީން އެ ކުންފުންޏާއެކު އެއްބަސްވުން ހެދި އިރު އެއްވެސް ގެރެންޓީއަކާ ނުލާ އެ ކުންފުންޏަށް ވަނީ އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދީފަ އެވެ.
ރައްޔިތުންގެ މަޖިލީހު މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ ވެންޓިލޭޓަރު ގަތުމަށް އެގްޒެކިއުޓާސް ޖެނެރަލްް ޓްރޭޑިންއަށް ދެއްކި ފައިސާ އަނބުރާ ހޯދުމަށް ސަރުކާރުން މަސައްކަތް ކުރި ނަމަވެސް އެ މަސައްކަތް ކާމިޔާބުވެފައި ނުވާ ކަމަށެވެ.
އަދި އާބިޓްރޭޝަނުން ނިންމައިގެން ފައިސާ އަނބުރާ ހޯދަން ބެލިއިރު އެ ކުންފުނީގެ ވެރިޔާއަކީ ކޮބައިކަމެއް ނޭނގޭ ކަމަށާއި ނަމަވެސް އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން އެ ކުންފުނީގެ ވެރިޔާ ހޯދިއްޖެ ނަމަ ވެންޓިލޭޓަރަށް ދެއްކި ފައިސާއާ ގުޅިގެން ކަންކަން ހިނގާދިޔަ ގޮތް ސާފުވެ އެ ފައިސާގެ މުއާމަލާތްތައް ޓްރެކް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
”މަދަނީ ގޮތުން އާބިޓްރޭޝަނަށް ގޮސްގެން އެ ފައިސާ ހޯދޭނޭ އެއްވެސް ގޮތެއް ނުވި ތަން މި ފެންނަނީ. އާބިޓްރޭޝަން އެވޯޑް ކުރިތާ އެއް އަހަރު ވެގެން ދިޔައީ. އެ މީހާ ނުވެސް ހޯދޭ. ވީތަނެއްވެސް ނޭނގޭ. ގުޅޭ ގޮތެއް ވެސް ނުވޭ،“ ނާޒިމް ވިދާޅުވި އެވެ.
”ޖިނާއީ މައްސަލައެއްގެ ގޮތުގައި މި އޯނާ ހޯދާފައި ރެޑް ނޯޓިސް ނެރެފައި އެ ހިސާބުން އޭނާ އަތުވާނެ ނޫންތޯ. އޭރުން ރިޝްވަތުގެ ގޮތުގައިވެސް ނޫނީ އެހެން ގޮތަކުން ވެސް މީހަކަށް ފައިސާއެއް ދިންކަންވެސް ހޯދޭނެ. މި މަގުން މިކަން ކުރަން އަޅުގަނޑުމެން ވާނީ ފުލުހުގައި ދަންނަވާފައި.“ ނާޒިމް ވިދާޅުވި އެވެ.
ވެންޓިލޭޓަރު ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވަނީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭހެން 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައިފަ އެވެ. ނަމަވެސް ޕީޖީ އޮފީހުން ނިންމީ ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށެވެ.




4 Comments
ގުޅުންހުރި
ފުނަދޫ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް ޓެސްޓު ފްލައިޓް ޖައްސައިފި
އުމްރާގެ އަޅުކަމަށް ގޮސްހުރި ދިވެއްސަކު ހާޓް އެޓޭކެއް ޖެހި ނިޔާވެއްޖެ
ރުގްޔާގެ ނަމުގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ދެ މީހަކަށް ހުކުމްކޮށްފި
ހުރިހާ އެއާޕޯޓަކަށް ރޭގަނޑު ފުލައިޓުތައް ޖެއްސޭނެ އިންތިޒާމު ހަމަޖައްސައިފި
ޔާމީން ރަޝީދުގެ މަރު: ހައި ކޯޓުން ދޫކޮށްލި ދެ މީހުން ޝަރީއަތް
އެލައިޑުން އެސްއެމްއީތަކަށް ހާއްސަ ”ކޯޕަރޭޓް ގްރޫޕު ހެލްތު އިންޝުއަރެންސް“ ޕެކޭޖުތަކެއް