އޭޕްރިލް 16, 2025

ވެންޓިލޭޓަރު ވައްކަން: ދުބާއީ ކުންފުނީގެ ވެރިޔާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެން އެދިއްޖެ

ކޮވިޑް-19ގެ ސަބަބުން ހާލު ސީރިއަސްވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލްް ޓްރޭޑިންގެ ވެރިޔާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެދިނުމަށް ދިވެހި ފުލުހުންގެ ހިދުމަތުގައި ރައްޔިތުން މަޖިލީހުން އެދިއްޖެ އެވެ.

ދިވެހި ސަރުކާރުން އެގްޒެކިއުޓާސް ޖެނެރަލްް ޓްރޭޑިން ވެންޓިލޭޓަރު ގަތުމަށް ފައިސާ ހަވާލުކުރި ނަމަވެސް ވެންޓިލޭޓަރު ލިބިފައެއް ނުވެ އެވެ. އެ މައްސަލައިގައި އޮޑިޓާ ޖެނެރަލް އޮފީހުން ހެދި އޮޑިޓް ރިޕޯޓެއްގައިވާ ގޮތުން 75 ވެންޓިލޭޓަރު ގަންނަން އެޕްރީލް 2020 ގައި ހެލްތު މިނިސްޓްރީން އެ ކުންފުންޏާއެކު އެއްބަސްވުން ހެދި އިރު އެއްވެސް ގެރެންޓީއަކާ ނުލާ އެ ކުންފުންޏަށް ވަނީ އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދީފަ އެވެ.

ރައްޔިތުންގެ މަޖިލީހު މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ ވެންޓިލޭޓަރު ގަތުމަށް އެގްޒެކިއުޓާސް ޖެނެރަލްް ޓްރޭޑިންއަށް ދެއްކި ފައިސާ އަނބުރާ ހޯދުމަށް ސަރުކާރުން މަސައްކަތް ކުރި ނަމަވެސް އެ މަސައްކަތް ކާމިޔާބުވެފައި ނުވާ ކަމަށެވެ.

އަދި އާބިޓްރޭޝަނުން ނިންމައިގެން ފައިސާ އަނބުރާ ހޯދަން ބެލިއިރު އެ ކުންފުނީގެ ވެރިޔާއަކީ ކޮބައިކަމެއް ނޭނގޭ ކަމަށާއި  ނަމަވެސް އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން އެ ކުންފުނީގެ ވެރިޔާ ހޯދިއްޖެ ނަމަ ވެންޓިލޭޓަރަށް ދެއްކި ފައިސާއާ ގުޅިގެން ކަންކަން ހިނގާދިޔަ ގޮތް ސާފުވެ އެ ފައިސާގެ މުއާމަލާތްތައް ޓްރެކް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

”މަދަނީ ގޮތުން އާބިޓްރޭޝަނަށް ގޮސްގެން އެ ފައިސާ ހޯދޭނޭ އެއްވެސް ގޮތެއް ނުވި ތަން މި ފެންނަނީ. އާބިޓްރޭޝަން އެވޯޑް ކުރިތާ އެއް އަހަރު ވެގެން ދިޔައީ. އެ މީހާ ނުވެސް ހޯދޭ. ވީތަނެއްވެސް ނޭނގޭ. ގުޅޭ ގޮތެއް ވެސް ނުވޭ،“ ނާޒިމް ވިދާޅުވި އެވެ.

”ޖިނާއީ މައްސަލައެއްގެ ގޮތުގައި މި އޯނާ ހޯދާފައި ރެޑް ނޯޓިސް ނެރެފައި އެ ހިސާބުން އޭނާ އަތުވާނެ ނޫންތޯ. އޭރުން ރިޝްވަތުގެ ގޮތުގައިވެސް ނޫނީ އެހެން ގޮތަކުން ވެސް މީހަކަށް ފައިސާއެއް ދިންކަންވެސް ހޯދޭނެ. މި މަގުން މިކަން ކުރަން އަޅުގަނޑުމެން ވާނީ ފުލުހުގައި ދަންނަވާފައި.“ ނާޒިމް ވިދާޅުވި އެވެ.

ވެންޓިލޭޓަރު ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވަނީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭހެން 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވައިފަ އެވެ. ނަމަވެސް ޕީޖީ އޮފީހުން ނިންމީ ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށެވެ.

4 Comments

  • Zahira Hasan އޭޕްރިލް 14, 2025

    Gesfulhienfelhuni🤣

  • Ahmed Midshan އޭޕްރިލް 14, 2025

    Mashakah nukrreyne chorey Aee vage k bunaakah 😳😳

  • Husnoonu އޭޕްރިލް 14, 2025

    Aslu ventilator hedhi meeha hoadham vee eurin ingeynee

  • Farishath Fathimath އޭޕްރިލް 15, 2025

    Vujoidhuga huri meeheh nama adhi eyee kaaku kan egey nama thaa 😂

Leave a Reply to Husnoonu Cancel reply