ސަރުކާރާއި ސަރުކާރު ކުންފުނިތަކަށް ދަރާފައިވާ އަމިއްލަ ކުންފުނިތަކަށް މަޝްރޫއުތައް ހަވާލުނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އެޗްޑީސީއަށް އަމިއްލަ ކުންފުނިތަކުން ދައްކަންޖެހި ނުދައްކާ މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބެލުމަށް ފަހު ނެރުނު ރިޕޯޓުގައިވާ ގޮތުން، އެޗްޑީސީ އަށް ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު 1.4 ބިލިއަން ރުފިޔާ އަށް އަރަ އެވެ.
ރިޕޯޓޫގައިވާ ގޮތުން ކުލީގެ ގޮތުގައި އެޗްޑީސީއަށް ފައިސާ ނުދައްކާ ގިނަ ކުންފުނިތަކަކީ، ހުޅުމާލޭގައި ވަރަށް ގިނަ ބިންތައް ނަގައި، އެ ބިންތައް ބޭނުންކޮށްގެން ވިޔަފާރި ކުރަމުންދާ ފަރާތްތަކެވެ . އޭގެތެރެއިން ބައެއް އެއްބަސްވުންތައް ބާތިލުކޮށްފައި ވިޔަސް، ލިބެންޖެހޭ ފައިސާ ހޯދުމުގައި އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ ކަމަށް ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
އެހެންކަމުން، އެ ފައިސާ އެޗްޑީސީ އަށް ހޯދުމަށްޓަކައި ޖުމްލަ ހަތް ކަމެއް ކުރުމަށް ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.
އެ ފައިސާ އަނބުރާ ހޯދާނެ ޕްލޭނަކާއި ކުންފުނިތަކަށް ލުއި ދިނުމާއި މައާފު ދިނުމުގެ އުސޫލެއް އެކުލަވާލައި، 30 ދުވަހުގެ ތެރޭގައި ކޮމިޓީއަށް ހުށަހެޅުމާއި ފައިސާ ނުދައްކާ ކުންފުނިތަކުގެ އެސެޓުތަކުގެ ތެރެއިން، އެޗްޑީސީއަށް އިހުތިޔާރު ލިބޭ އެސެޓުތައް ހިފެހެއްޓުމާއި އެޗްޑީސީގެ ބިޑުތަކަށް ކުރިމަތިލާ ފަރާތްތަކަކީ އެ ކުންފުންޏަށް އެއްވެސް ދައްކަންޖެހޭ ފަރާތެއްތޯ ކަށަވަރު ކުރުން ހިމެނެ އެވެ.
މީގެއިތުރުން، ސަރުކާރުން ހިންގާ މަޝްރޫއުތައް ހަވާލުކުރާ ކުންފުނިތަކަކީ ސަރުކާރަށް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަޔަކަށް ފައިސާ ނުދައްކާ ކުންފުންޏެއްތޯ ކަށަވަރު ކޮށްފައި ނޫނީ މަޝްރޫއުތައް ހަވާލު ނުކުރުވޭ ގޮތަށް ނިޒާމް ބަދަލުކުރަން ފިނޭންސް މިނިސްޓްރީއަށް އެންގުމަށް ކޮމިޓީން ވަނީ ނިންމައިފަ އެވެ.
އަދި ސަރުކާރުން ލިބެންޖެހޭ ފައިސާ އާއި ސަރުކާރުން ދޭންޖެހޭ ފައިސާ އޮފްސެޓް ކުރެވޭނެ ނިޒާމެއް ގާއިމުކުރަން ފިނޭންސަށް އެންގުމާ އެކު، މިހާރަށް ވުރެ ދެފުށް ފެންނަ ގޮތެއްގެ މަތިން ސީއެސްއާރުގެ ކަންކަން ކުރިއަށް ގެންދަން އެޗްޑީސީ އަށް އެންގުމަށް ވެސް ކޮމިޓީ ރިޕޯޓުގައިވެ އެވެ.
މާލިއްޔަތު ކޮމިޓީގެ މި ނިންމުންތަކާ އެކު ކޮމިޓީ ރިޕޯޓު މަޖިލީހުގެ މިއަދު ޖަލްސާގައި ފާސްކޮށްފައިވަނީ، އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 71 މެމްބަރުންގެ އިއްތިފާގުންނެވެ.

1 Comment
ގުޅުންހުރި
ރުކުމާ އަނެއްކާވެސް އެހެން ކުންފުންޏަކަށް، މިފަހަރު ފެނަކައިން މޯލްޑިވް ގޭހަށް
ރަސްމާލޭގައި ފްލެޓް އެޅުމުގެ ފުރުސަތު ސިންގަޕޫރުގެ އިންވެސްޓަރުންނަށް ހުޅުވާލައިފި
މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގައި ޕާކުކޮށްގެން 380 ސައިކަލާއި 40 ކާރު
ތެޔޮ އުފުލާ ދެ ދޯންޏެއްގައި ރޯވެ ދެ މީހަކު ފިހިއްޖެ
680 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ޔަގީންވެއްޖެ: ސައީދު
ފުރަތަމަ އެސްއީޒެޑް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި